އޮންލައިންކޮށް ވިޔަފާރިކުރާ މަގުބޫލު ޕްލެޓްފޯމެއް ކަމަށްވާ “ގްލޯބަލް ދުކާން” މެދުވެރިކޮށް ކުރާ އެންމެހައި މުއާމަލާތްތަކަށް ސީދާ ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައި، ދިވެހި ކަސްޓަމަރުންނަށް ބޮޑު ލުޔެއް ހޯދައިދީފިއެވެ. މި ބަދަލާއެކު ބޭރު ގައުމުތަކުން އޮންލައިންކޮށް ވިޔަފާރިކުރުމުގައި ބޭންކުތަކުން ކަނޑައަޅާފައިވާ ބޭރު ފައިސާގެ ލިމިޓަށް ބަރޯސާވާންޖެހޭ ޖެހުމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
ގްލޯބަލް ދުކާނުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އާ އުސޫލަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން އެ ޕްލެޓްފޯމް މެދުވެރިކޮށް ގަންނަ އެއްވެސް މުދަލަކަށް ބޭރު ފައިސާ ބޭނުންކުރަން ނުޖެހި، ހުރިހާ މުއާމަލާތެއްވެސް ފަސޭހަކަމާއެކު ދިވެހި ރުފިޔާއިން ނިންމައިލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއީ އިންޑިއާގެ މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ މުދާ އެއްތަނަކުން ގަންނަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ “ގްލޯބަލް ދުކާން” ބޭނުންކުރާ އާންމު ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ. ހާއްސަކޮށް، އިންޑިއާއިން އޮންލައިންކޮށް މުދާ ގެނެސްގެން ރާއްޖޭގައި ވިއްކާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރު ހޯދުމުގެ ދަތިކަމާ ކުރިމަތިނުލައި، ވިޔަފާރި ފުޅާކުރުމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ.
މި ހިދުމަތް ހޯދުމަށްޓަކައި ގޫގުލް ޕްލޭސްޓޯރުން ނުވަތަ އެޕަލް އެޕްސްޓޯރުން “ގްލޯބަލް ދުކާން” އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން ނުވަތަ ޕްލެޓްފޯމުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާއެކު އެކައުންޓް ހަދައިލެވޭނެއެވެ. އެޕަށް ވަނުމާއެކު ހޯމް ސްކްރީނުން އިންޑިއާގެ މަގުބޫލު އެކި އީކޮމާސް ޕްލެޓްފޯމްތައް ފެންނަން ހުންނާނެ ކަމަށްވެސް އެ ޕްލެޓްފޯމުން ބުންޏެވެ.
މި މާކެޓްޕްލޭސް ބޭނުންކުރާ ފަރާތްތަކުން ގަންނަން ބޭނުންވާ ތަކެތި ހޮވައި “ޝޮޕް ވިއާ ގްލޯބަލް ދުކާން” އަށް ފިތާލުމުން ކާޓަށް އެ ތަކެތި އިތުރުވެގެންދާނެއެވެ. އަދި ތަފާތު އެކި ޕްލެޓްފޯމްތަކުން ނަގާ ހުރިހާ މުދަލަކަށް އެއްފަހަރާ ދިވެހި ރުފިޔާއިން ފައިސާ ދައްކައިލެވޭނެ އިންތިޒާމު ހަމަޖެހިފައިވުމަކީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހަލުވިކަމަކާއި އިތުރު ފަސޭހައެކެވެ.