މޫސުން ގޯސްވެ، އޮޔާއި ވަޔާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެވުނު އިންޑިއާގެ ތިން މަސްބޯޓަކާއި އެ ބޯޓުތަކުގައި ތިބި 25 މަސްވެރިން ދިވެހިރާއްޖޭގެ ކޯސްޓްގާޑުން ހިފަހައްޓައިފިކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
މި މަސްވެރިން ހިފަހައްޓާފައިވަނީ ރާއްޖޭގެ ސަރަހައްދީ އިމުގެ ތެރެއަށް ވަދެ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ކަމުގެ ތުހުމަތުގައެވެ.
މި ހާދިސާގައި ހިފެހެއްޓި މީހުންނަކީ އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓުގެ ތޫތުކުޑީގެ ތަރުވައިކުލަމް ސަރަހައްދަށް ނިސްބަތްވާ މަސްވެރިންތަކެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި މީހުން ކަނޑު ނުކުތީ މި މަހުގެ އެއްވަނަ ދުވަހު ކަންނެލި މަސްވެރިކަން ކުރުމަށެވެ.
އެ މީހުން ނިސްބަތްވާ ސަރަހައްދުގެ މީހުން ބުނީ، ބޯޓުތައް ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ ގަސްދުގައި ނޫން ކަމަށާއި، އެއީ ޖެހުނު ބާރު ވަޔާއި ވަރުގަދަ އޮއިވަރުގެ ސަބަބުން ކަމަށެވެ. ކުޑަކުދިންގެ އުމުރުން ފެށިގެން މި މަސައްކަތް ކުރަމުން އަންނަ އާއިލާތަކަށް މިކަމުގެ ސަބަބުން ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ފާހަގަކުރިއެވެ.
ހިފެހެއްޓި މަސްވެރިއެއްގެ އާއިލާއިން ބުނީ “މަސްވެރިން ހިފެހެއްޓުމުގެ ސަބަބުން އާއިލާތަކަށް ބޮޑެތި ދަތިތަކާއި ގެއްލުންތައް ވަނީ ކުރިމަތިވެފައި” ކަމަށެވެ. އެހެންކަމުން ހިފަހައްޓާފައިވާ 25 މަސްވެރިންނާއި ތިން ބޯޓު ސަލާމަތްކުރުމަށް ވަގުތުން ފިޔަވަޅު އަޅައިދިނުމަށް އެ އާއިލާތަކުން ވަނީ އިންޑިއާގެ ޕްރައިމް މިނިސްޓަރަށް އިލްތިމާސްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހިފެހެއްޓި މަސްވެރިން އަނބުރާ ގައުމަށް ގެންދިއުމަށްޓަކައި އިންޑިއާގެ މައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެ ގައުމުގެ މަސްވެރިންގެ ޖަމިއްޔާތަކުންނާއި އާއިލާތަކުން ދަނީ އެދެމުންނެވެ.