ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައިވާ އާ ސަފީރު އަހުމަދު މަހުލޫފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ ރަސްގެފާނަށް މިއަދު އަރުއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައެވެ.
މިކަން ހާމަކުރައްވައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފަށް މަރުހަބާ ވިދާޅުވެފައިވެއެވެ. ފޮރިން މިނިސްޓަރު ވިދާޅުވީ މަހުލޫފްގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހިވެ، އާ އުސްމިންތަކަކަށް ދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއަކަށްވާއިރު، އާ ސަފީރުގެ ދައުރުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އައްޔަނުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މަހުލޫފަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މަހްލޫފް ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އެކަމަށްޓަކައި ބޭއްވި ޖަލްސާގައި ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާގުންނެވެ.