English Edition
Dhivehi Edition
ތެޔޮބޯޓެއް ހުޅުމާލެ ކައިރިން ދަތުރުކުރަނީ

ރާއްޖެ ހިމެނޭ ގޮތަށް އަވަށްޓެރި ވަކި ގައުމުތަކަކަށް އިންޑިއާއިން ތެލުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގައި ނަގަމުން އައި ޑިއުޓީ، އެ ގައުމުގެ ސަރުކާރުން މައާފުކޮށްފިއެވެ.

އިންޑިއާ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ރަސްމީ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ނިންމުމާ އެކު ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ (އެސްއޭއީޑީ) އާއި ރޯޑް އެންޑް އިންފްރާސްޓްރަކްޗާ ސެސް (އާރުއައިސީ) އިން މި ގައުމުތައް ވަނީ އިސްތިސްނާކޮށްފައެވެ. އިންޑިއާގެ ޑިއުޓީ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން މި ލުއި ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝް ހިމެނެއެވެ.

އިންޑިއާއިން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ ސްޓްރޭޓް އޮފް ހޮރްމުޒް މެދުވެރިކޮށް ކުރާ ވިޔަފާރިތަކަށް ބުރޫއެރުމުގެ ސަބަބުން، މެދުއިރުމަތީގެ ވިޔަފާރިއަށާއި ދުނިޔޭގެ ހަކަތައިގެ މާކެޓަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް ބަދަލު އަންނަމުންދާ މި ދަނޑިވަޅުގައި އިންޑިއާއިން ދިން މި ލުޔަކީ މި ސަރަހައްދުގެ ގައުމުތަކުގެ އިގްތިސާދަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

މިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މިއީ ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ހެޔޮކުރުމަށް ނުވަތަ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ނިންމުމެއް ކަމަށް ބެލެވެއެވެ.