English Edition
Dhivehi Edition

ކޮވިޑް-19ގައި މީހުން މަރުވާ މިންވަރު އިތުރުވަމުންދާތީ ބަލި ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް، ކުރިން އެޅި ފަދަ ހަރުކަށި ފިޔަވަޅުތައް އަލުން އަޅަންޖެހޭ ކަމަށެވެ. “އަޅުގަނޑު ކަމާބެހޭ ފަރާތްތަކަށް ގޮވާލަން ހަރުކަށި ފިޔަވަޅުތަކެއް އަޅައި އެ ހަރުކަށި ފިޔަވަޅުތައް ތަންފީޒު ކުރުމަށް” ރައީސް މައުމޫންގެ ޓުވިޓްގައި ވިދާޅުވިއެވެ.

މާލެއިން ކޮވިޑް-19 ފެނުމާ ގުޅިގެން މިިިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މުޅި މާލެ ފުރަބަންދުކޮށްފައިވާއިރު ޖޫން މަހުގެ 15 އިން ފެށިގެން ވަނީ ފުރަބަންދަށް ބޮޑެތި ލުއިތަކެއްދީ އާންމުންނަށް ބޭރަށް ނުކުތުމަށް ހުއްދަދީފައެވެ. ފުރަބަންދަށް ބޮޑެތި ލުއި ދޭން ފެށިފަހުން ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި 12 މީހުން ވަނީ މަރުވެފައެވެ.