English Edition
Dhivehi Edition
08 ސެޕްޓެންބަރު 2017ގައި ޖޭޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް މައުމޫން ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ހުސައިން ވަހީދު (މިހާރު)

އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގައުމިއްޔަތާއި ގައުމީ ބިންގާ ކަމަށާއި އެ ދީން ދޫކޮށްލައިގެން ދިވެހިންނަކަށް ފަރެއް ނުޖެއްސޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި އާންމުކުރެއްވި ހާއްސަ ވީޑިއޯ މެސެޖެއްގަ އެވެ.

ރައީސް މައުމޫން ވިދާޅުވީ ދިވެހިން އިސްލާމްދީން ބަލައިގަތްތާ މިވީ 900 އަހަރުގެ ދިގު ތާރީހުގައި ކާބަފައިން ވަނީ ވަރަށް ވަރުގަދަ ފިލާވަޅެއް ސާބިތުކޮށްދެއްވާފައި ކަމަށެވެ. އެގޮތުން ގައުމަށް އެކި ދުވަސްވަރު އެކި ކަހަލަ ގޮންޖެހުންތަކާއި އުނދަގޫ ހާލަތްތައް ކުރިމަތިވި ނަމަވެސް، ކާބަފައިން އިސްލާމްދީން ދޫކޮށްނުލައްވައި އެގޮތުގައި ސާބިތުވެ ތިއްބެވިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މައުމޫން ވިދާޅުވީ ދިވެހިރާއްޖެއަށް ތަފާތު ކަންތައްތައް ދިމާވި ނަމަވެސް، އެ ބޭފުޅުން އިސްލާމްދީނަށް ކުޑަވެސް ލޮޅުމެއް އެރިޔަނުދީ ހިފެހެއްޓެވި ކަމަށެވެ. އަދި ދިވެހި ގައުމުގެ ހަގީގީ ދިރުމާއި ބާރު ގުޅިފައިވަނީ އިސްލާމީ ވަހުދަތާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، “އިސްލާމްދީން ދޫކޮށްލައިގެން އަޅުގަނޑުމެންނަކަށް ފަރެއް ނުޖެއްސޭނެ،” ކަމަށެވެ. އަދި މިދިޔަ 900 އަހަރު އޮތް ފަދައިން، ކުރިއަށް އޮތް ތަނުގައި ވެސް އިސްލާމްދީނަށް ފުރިހަމައަށް ތެދުވެރި އަދި ވަފާތެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ޖުމާދުލް އާހިރާ މަހުގެ ދެވަނަ ދުވަސް، ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1954 ވަނަ އަހަރު އެވެ. އެ ދުވަސް ފާހަގަކުރުން 1967 ވަނަ އަހަރުން ފެށިގެން މެދުކެނޑިފައި އޮތުމަށް ފަހު، އަލުން ގައުމީ ފެންވަރުގައި ފާހަގަކުރަން ނިންމެވީ 2،000 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގަ އެވެ.