ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ އެމަނިކުފާނުގެ ވަޒީފާ ނުވަތަ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރައްވާފައި ކަމަށް ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި އެމަނިކުފާނު ވަނީ ރައީސް ސާލިހަށް ތަޢުރީފު ވެސް ކުރައްވާފައެވެ.
މީގެ އިތުރުން ސެޕްޓެމްބަރ މަހު 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާފައިވާ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ވެސް ވަނީ މަރުޙަބާ ވިދާޅުވެ މެސެޖެއް ކުރައްވާފައެވެ.
ހަމަމިއާއެކު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ އިންތިހާބީ ރައީސް އަށް މަރުހަބާ ދަންނަވާފައެވެ.
ގާސިމް ވަނީ މުއިއްޒުގެ އިތުރުން އިންތިހާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެންބެ) އަށް ނުހަނު ހެޔޮ އެދުމާއި ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވާ ކަމަށް ވިދާޅުވެފައެވެ.
ދިވެހި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް އެ ދެ ބޭފުޅުން އިންތިހާބު ކުރެވުނު މަގާމުގެ ޒިންމާއަށް އަމާނާތްތެރިވެ، ތެދުވެރިކަމާއި ވަފާތެރިކަމާއެކު ގާނޫނީ ހުކޫމަތު ދަމަހައްޓާއި ދިމިގްރާތީ ހަމަތަށް ނަގަހައްޓާއި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ނަގަހައްޓާއި ދިވެހި ރައްޔިތުންގެ ހަައްގުތައް ރައްކާތެރިކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ގައުމައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ދިވެހިން ގޮތް ނިންމައިފި ކަމަށާއި އިންތިހާބީ ރައީސް މުއިއްޒަށް ގުޅުއްވާ މަރުހަބާ ދަންނަވާފައި ވާނެ ކަމަށެވެ. އަދި މި ހަލަބޮލި ދުވަސްވަރު ވެރިކަން ކުރުމަކީ ފަސޭހަ ކަމެއް ކަމަށް ނުފެންނާތީ ހެޔޮގޮތުގައި ސާބިތުވެ ހުންނެވުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި ކަމަށް އިމްރާން ވިދާޅުވިއެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 19،291 ވޯޓުގެ ތަފާތުން ކުރީގައި އޮތީ މުއިއްޒެވެ. އެގޮތުން މުއިއްޒަށް ލިބިވަޑައިގެންފައި ވަނި 129،159 ވޯޓެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 109،868 ވޯޓެވެ.