English Edition
Dhivehi Edition

މިފެށުނީ އަކީ އިސްލާމީ އާއަހަރެއް ނޫންކަމަށާއި މި ފެށުނީ ހިޖުރީ އާ އަހަރެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

“މާފުކުރައްވާށެވެ! މިފެށުނީ އަކީ އިސްލާމީ އާއަހަރެއް ނޫނެވެ. ހިޖުރީ އާ އަހަރެކެވެ. 1447 އަކީ “ހިޖުރީ” އަހަރެކެވެ. އިސްލާމީއޭ ބުނެވޭނީ ހަމައެކަނި ޤުރްއާނުން ނުވަތަ ސުންނަތުން ސާބިތުވާ ނުވަތަ ދެނެގަނެވޭ ކަންކަމަށެވެ.” މައުމޫނު ލިޔުއްވަވާފައިވެއެވެ.

ހިޖުރީ އާ އަހަރު ފާހަގަކުރަނީ ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم، މާއްކާއިން މަދީނަށް ކުރެއްވި ހިޖުރައިގެ ޙާދިސާގެ މައްޗަށެވެ. އެއީ ކީރިތި ރަސޫލާ، މާތްވެގެންވާ އިސްލާމްދީނަށްޓަކައި ކުރެއްވި އަގުހުރި ޖިހާދާއި، އެކަލޭގެފާނުގެ އަޞްޙާބުން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ ހަނދާންތައް އެންމެންގެ ހިތްތަކަށް ގެނެސްދޭ ވަރަށް މަތިވެރި ދުވަހެކެވެ.

މި ޙާދިސާއާއި ހިޖުރީ ތާރީޚުގެ ފެށުން ގުޅިފައިވާއިރު، މިއަހަރު ފާހަގަކުރަނީ ހިޖުރީގޮތުން 1447 ވަނަ އަހަރުގެ ފެށުމެވެ.

ޙިޖުރައިގެ ހާދިސާއަކީ، އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެންދިޔަ ޙާދިސާއެކެވެ. ހިޖުރައަށް ފަހުގައި ދަޢުލަތުގެ މަރުޙަލާގައި ވާޖިބުތަކާއި ޙުކުމްތައް ބާވައިލައްވާން ފެއްޓެވިއެވެ. އަދި އިސްލާމީ ދަޢުވަތު އިތުރަށް ފުޅާވެގެން ދިޔައެވެ.