ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރަން ނުޖެހޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހާ އެއްގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ނިންމައި، އާއްމު ކޮމިޓީން އެކުލަވައިލި ރިޕޯޓު ތަޅުމުން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ. ގަވާއިދު އެ ގޮތަށް އިސްލާހު ކުރަން ނުފެންނަ ކަމަށް މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
ގަވައިދު އެގޮތަށް ބަދަލުކުރަން އާއްމު ކޮމިޓީން ނިންމުމުގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން އޮޑިޓަ ޖެނެރަލްގެ ލަފާ ހޯދާފައިވާއިރު އެފަރާތްތަކުން ވެސް ލަފާ ދިނީ އަނބިން ނުވަތަ ފިރިންނާއި ދަރިންގެ މާލީ ބަޔާން އާންމު ކުރުން ރަނގަޅު ނޫންކަމަށެވެ.
މީގެ އިތުރުންއެ ގަވައިދު މިއަދު ތަޅުމުން ފާސްކުރީ، މެމްބަރުންގެ މާލީ ބަޔާންތައް މަޖިލީހުގެ އަމީންއާންމަށް ހުށަހަޅާތާ ހަފްތާއެއްގެ ތެރޭގައި ބަޔާންތަކުގެ ކޮޕީ އޮޑިޓާ ޖެނެރަލްއަށް ހުށަހަޅަން ޖެހޭ ގޮތަށް، ގަވައިދަށް އަކުރެއް އިތުރުކުރަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހާވެސް އެކުއެވެ.
މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ)ގައި މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާއިރު އެ މާއްދާގެ (ރ)ގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނޭ ގޮތުން، އަހަރަކު އެއްފަހަރު ތައްޔާރުކޮށް، މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަންވާނެ ކަމަށެވެ.އަދި އެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެ ކަމަށެވެ.