English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިސް ހިންގާ އިދާރާގައި ރެސްޓޯރަންޓަކާއި ޖިމެއްގެ އިތުރުން ފިހާރައެއް ހުޅުވުމަށް މަޖިލީހުގެ ސޯޝިއަލް ކްލަބުން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލިހުގެ ސޯޝަލް ކުލަބުގެ ފަރާތުން ހިންގާ މަޖިލިހުގެ ރެސްޓޯރެންޓު ހުންނާނީ މަޖިލިހުގެ އައު އިމާރާތުގެ ޓެރެހުގައި ކަމަށެވެ، އަދި އެ ކްލަބުން މަޖިލިހުގެ އައު އިމާރާތުގައި ޖިމެއް ޤާއިމުކުރުމަށްވެސް ނިންމާފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ މަޖިލިސް އިދާރާގައި ހުޅުވާ ރެސްޓޯރަންޓު ހުޅުވުމަށް ފަހު ދާއިރާ ރައްޔިތުންނާއި އެކު ކޮންމެ މެންބަރަކަށް ވެސް ވާހަކަ ދައްކާލަ “ކޮފީ ބޯލަން” އެތަނަށް ޒިޔާރަތް ކުރެވޭނެ ކަމަށެވެ.

އިތުރަށް ރައީސް ނަޝީދު ވަނީ މަޖިލިހުގެ ޔައުމިއްޔާ އާއި މަޖިލިހުން ތައްޔާރު ކުރާ ރިޕޯޓުތައް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން މަޖިލިހުގެ އިދާރާގައި ޚާއްޞަ ސްޓޯރެއް ނުވަތަ ފިހާރައެއް ޤާއިމުކުރާނެކަން ވެސް އިއުލާންކުރައްވާފައެވެ.

މަޖިލިހުގެ ސޯޝަލް ކުލަބުގައި މިވަގުތު ތިއްބަވަނީ މަޖިލިހުގެ މުވައްޒަފުންނާއި، މަޖިލިހުގެ މިހާރުގެ މެންބަރުން އެކަނި ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައި މިކުލަބަކީ މަޖިލިހުގެ ކުރީގެ މެންބަރުންނާއި މަޖިލިހުގެ އިދާރާގެ މުވައްޒަފުންގެ ތެރެއިން ރިޓަޔަރ ކުރައްވާ ބޭފުޅުންނަށްވެސް ބައިވެރިވެވަޑައިގެންނެވޭ ކުލަބެއް ކަމަށެވެ.