ރައްޔިތުންގެ މަޖިލީހުން ޝަރީއަތް ކުރަމުންދާ ކަމަށާއި އެކަންކަން ކުރަނީ މަޖިލީހަށް ލިބިފައި ނެތް ބާރެއްގެ ދަށުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ ސަރުކާރުގެ ވަކި ވުޒާރާއަކަށް ވަކިކަމެއް ލާޒިމްކޮށް އަމުރު ކުރަން، ވަލު ދޮރާށިން ކަންކަން ވެއްދުމަކީ ގާނޫނުއަސާސީ ތަންދޭ ކަމެއް ނޫންކަމަށެވެ. “މިވެނި ކަމެއް މިހެން ކޮށްފިއޭ. މިވެނިކަމެއް އެހެން ކޮށްފިއޭ. އެއީ ޝަރީއަތުގެ މަޖިލީހުގައި އޮންނަ ކަމެއް.” ޝަރީފް ވިދާޅުވިއެވެ.
މިއަދަކީ މަޖިލީހުގެ ތާރިހުގައިވެސް ކަޅުދުވަހެއްކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ ގޯސްކޮށް ކަމެއް ކުރަންޏާ އެކަންކަން އިސްލާހުކުރަންވީކަމަށާއި ރަނގަޅު ފަނޑިޔާރުން ލާންވީކަމަށެވެ. “ޝަރީއަތްވެސް މި މަޖިލީހުން ކޮށްފާ، މިނިސްޓްރީތައް ވެސް ހިންގާފާ، ގާނޫނުވެސް ހަދާފާ މި ހުރިހާ ކަމެއް ކުރަނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވެގެން ނުވާނެ އެއީ ބަރުލަމާނީ ނިޒާމުގައި ވެސް ކަންކަން އޮންނަ ގޮތެއް ނޫން.” ޝަރީފް ވިދާޅުވިއެވެ.
އިތުރަށް ޝަރީފް ވިދާޅުވީ ވަޒީރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނެގުމާއި ވަޒީރު ޖަވާބުދާރީ ކުރުމުގެ ބާރުވެސް މަޖިލީހަށް އޮންނާނެކަމަށާއި އެހެންނަމަވެސް ވަކި މީހަކު ކަނޑާލަން މަޖިލީހަށް އަމުރު ނުކުރެވޭނެކަމަށެވެ. “އެކަން މަޖިލީހުން ކުރާ ނަމަ ސަރުކާރު އޮތުމުގެ ބޭނުމެއް ނެތް” ޝަރީފް ވިދާޅުވިއެވެ.