English Edition
Dhivehi Edition

އާސަންދައިގެ ދަށުން ޚިދުމަތް ދިނުމުގެ ހުއްދަ ނުލިބުމާއި ގުޅިގެން އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ ހުޅުމީދޫ ކްލިނިކް ބަންދުކޮށްފިއެވެ.

މިއަހަރު ޖަނަވަރީމަހުގެ 18 ވަނަ ދުވަހު ހުޅުދޫގައި ރަސްމީކޮށް ހުޅުވި މި ކްލިނިކުން 05 ފެބުރުވަރީ 2020 ވަނަ ދުވަހުވަނީ އާސަންދައިގެ ހިދުމަތަށް އެދިފައެވެ. އަދި މާރިޗު 03 ގައި އިންސްޕެކްޝަން ނިންމާފައިވާއިރު މިއަދާ ހަމައަށްވެސް އެ ކްލިނިކަށް އާސަންދައިގެ ހިދުމަތް ދިނުމަށް ބޭނުންވާ ހުއްދަ ލިބިފައެއް ނުވެއެވެ.

ހުޅުމީދޫ ކްލިނިކްގެ ހިދުމަތް ނުލިބުމުގެ ޝަކުވާތައް ގިނަ ފަރާތްތަކުން ކޮށްފައިވާއިރު މީގެ ކުރިން އެ ކްލިނިކްގެ މެނޭޖިންގ ޑިރެކްޓަރ، އަލީ އިހުސާން ވިދާޅުވީ އިންސްޕެކްޝަން ނިމުނު ފަހުން އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށެވެ. “ޖަވާބެއް ނުލިބޭތީ އެ ކްލިނިކްގެ ޚިދުމަތްވެސް އަޅުގަނޑުމެންނަށް ކުރިއަށް ނުގެންދެވިފައިވާ ވާހަކަ މިކަމާ ސުވާލު ކުރައްވާ ބޭފުޅުންނަށް ދަންނަވަން”، އިހުސާން ވިދާޅުވެފައި ވެއެވެ.

މިއަދު އެ ކްލިނިކް ގައި ހުރި މެޝިނަރީސްތަކާއި އިތުރު ސާމާންތައް ގެންގޮސްފައިވާއިރު މިކަމާއި ގުޅިގެން ހުޅުދޫއިން ވާހަކަދެއްކި މީހަކު ބުނީ މި ކްލިނިކްގެ ސަބަބުން ހުޅުދޫ މީދޫ ރައްޔިތުންނަށް ރަށުގައި ތިބެގެން އިތުރު ހަރަދެއް ނުކޮށް ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ޓެސްޓްތައް ހެދުމުގެ ހިދުމަތްވެސް ލިބިގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް އާސަންދަ ހުއްދަ ނުލިބި ކްލިނިކް ބަންދުކުރަންޖެހުމަކީ މި ދެ އަވަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމުގައި އެ ފަރާތުން ވަނީ ބުނެފައެވެ.

އެއިމްސް ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ އެ ކްލިނިކް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮންމެ ދުވަހަކު ހެނދުނު ކަނޑު ހުރަސްކޮށް ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ހުޅުދޫ އާއި މީދޫގެ ރައްޔިތުން ކަނޑު ހުރަސްކޮށް ކުރާ ދަތުރުތައް ނިމުމަކަށް ގެނެސް، އެކަށީގެންވާ ޞިއްޙީ ފަރުވާ، ރަށުގައި ތިބެގެން ލިބޭނެ ގޮތް ހަމަޖެއްސުން ކަމުގައެވެ.