English Edition
Dhivehi Edition
އާސަންދަ ކޮމްޕެނީ ލިމިޓެޑް - ފޮޓޯ: ފޭސްބުކް

ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ބޮޑު ހަރަދު ކުޑަކުރުމުގެ ގޮތުން، ބޮޑު އާމްދަނީ ލިބޭ މީހުންނަށް އަމާޒުކޮށް ކޯ-ޕޭ ނުވަތަ ޕްރީޕެއިޑް ނިޒާމެއްގެ ތެރެއިން އާސަންދަ ދޭން އަންނަ މަހުން ފެށިގެން އަމަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް ދެން އާސަންދަ ލިބޭނީ ވަކި އަދަދަކަށް ފައިސާ ދައްކައިގެން ކަމަށެވެ. އަދި އިންކަމް ޓެކްސް ދައްކާ ފަރާތްތަކާއި މުއްސަނދިންނަށް، އާންމު ރައްޔިތުންނެކޭ އެއްގޮތަށް މުޅިން ހިލޭ ހުރިހާ ހިދުމަތެއް ލިބެން ނުޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އާ ބަދަލާއެކު ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެގޮތުން، މި ނިޒާމުގެ ތެރެއިން އަންނަ 2025 ވަނަ އަހަރު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ. ރައީސް ވިދާޅުވި ގޮތުގައި، މިގޮތަށް ސަލާމަތްކުރެވޭ ފައިސާ ހަރަދުކުރާނީ ރައްޔިތުންނަށް ބޭނުންތެރި އެހެނިހެން މުހިންމު ކަންކަމަށެވެ.

“މިދެންނެވި ގޮތަށް 60 ހާހުން މައްޗަށް، އާމްދަނީ ލިބޭ ފަރާތްތަކަށް ޓާގެޓްކޮށް އާސަންދަ ލިމިޓް ކުރުމުން، ކޯ-ޕޭ އަދި ޕްރީޕެއިޑް ނިޒާމުގެ ތެރެއިން ދިޔައީމަ ހަރަދު ކުޑަވެގެންދާނެ،” އާސަންދައިގެ ހިދުމަތަށް ގެންނަ ބަދަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

އަންނަ މަހުން ފެށިގެން މި އުސޫލަށް އަމަލުކުރަން ފަށާއިރު، މި ނިޒާމު ތަންފީޒު ކުރުމާ ގުޅޭ އިތުރު ތަފުސީލުތައް ފިނޭންސް މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތަކުން ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކުރާނެއެވެ. މިއީ ހަމައެކަނި ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ސަރުކާރުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތް ހިންގުމުގެ ނިޒާމުތައް ހަރުދަނާކޮށް އިސްލާހުކުރުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.