މެނުއަލްކޮށް ޑޮކްޓަރުން ފުރައިދޭ އާސަންދަ ރިކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓާލައިފިއެވެ.
އާސަންދައިން ބުނީ އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށްޓަކައި ޑޮކްޓަރުން ފުރާ އާސަންދަ ރިކޮމެންޑޭޝަން ފޯމް ދެން ބަލައިގަންނާނީ ހަމައެކަނި މައި އާސަންދަ ޕޯޓަލްއިން ކަމަށެވެ. އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ވެސް އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އާސަންދަ ހިދުމަތް އިތުރަށްފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނައިރު އާސަންދަ ސްކީމުގެ ދަށުން ޔޫއޭއީ އާއި ތައިލެންޑަށް ބަލިމީހުން ފޮނުވުމުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މިކަމާއި ގުޅޭ ގޮތުން އޭރު އާސަންދައިން ނެރުނު ބަޔާނެއްގައި ބުނީ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން މިވަގުތު ފޮނުވަމުންދަނީ ހަމައެކަނި އިންޑިއާ އަދި ސްރީލަންކާއަށް ނަމަވެސް، ކުރިއަށް އޮތްތަނުގައި ތައިލެންޑް އަދި ޔޫއޭއީ އަށްވެސް ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީވެ އާސަންދަ ކުންފުނިން އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއިއެކު ކުރެވެމުންދާ ކަމަށެވެ.