English Edition
Dhivehi Edition

އެމެޖެންސީ ނޫން ހާލަތްތަކުގައި ވެސް އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ އާ އުސޫލެއް ސަރުކާރުން ކަނޑައަޅައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އަންނަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އާ އުސޫލަށް އަމަލުކުރަން ފަށާނެ ކަމަށެވެ. މިއީ ރައްޔިތުންގެ ފަރާތުން ވަރަށް ގިނައިން އަންނަ ރިކުއެސްޓަކަށް ވާތީ، ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާކުރުމަށް ފަހު ނިންމި ނިންމުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މި އާ އުސޫލުގެ ދަށުން އާސަންދައިން އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ އިތުރު ހާލަތްތަކުގެ ތެރޭގައި، މައްޔިތުން އުފުލުމާއި، އެނދުމަތިކުރެވިފައިވާ ބަލިމީހުންނާއި ވީލްޗެއާ ބޭނުންކުރާ ފަރާތްތަކަށް އައުޓްޕޭޝަންޓް ހިދުމަތް ހޯދުމަށް ދިއުން ހިމެނެއެވެ. މީގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ވެސް ހިދުމަތް ހޯދުމަށް އެމްބިއުލާންސް ބޭނުންކުރެވޭނެއެވެ. “މިއީ ވަރަށް ގިނަ ދުވަހު އެކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެކަމާ ބޭހޭ ގޮތުން ޓެކްނިކަލް ލެވެލްގައި އަދި އޭގެ ހިސާބުތައް؛ ފައިނޭންޝަލީ ބަޖެޓަރީ އިމްޕްލިކޭޝަންސް އޮޕަރޭޝަނަލް އެންގަލުން ބަލަންޖެހޭ ކަންތައްތައްވެސް ބެލުމަށް ފަހު އަޅުގަނޑުމެން ނިންމި ނިންމުމެއް،” ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ރަށްރަށަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ ހާއްސަ މަޝްރޫއެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިދިޔަ މަހު 56 ރަށަކަށް އެމްބިއުލާންސް ފޮނުވާފައިވާއިރު، ބޮޑެތި އާބާދީތަކަށް އަމާޒުކޮށް ޕެރަމެޑިކް އެމްބިއުލާންސްތަކެއް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. އެ އެމްބިއުލާންސްތައް އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށް ސަރުކާރުން ބުންޏެވެ. ސަރުކާރުގެ މުހިންމު އަމާޒަކީ ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ހިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

ޓެގު