އެއިމްސް ޑައިގްނޯސްޓިކް ކެއަރއަކީ އައްޑޫސިޓީގެ ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަށް އެންމެ އެދެވޭ ރަނގަޅު ގޮތުގައި ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ 29 ވަނަ ދުވަހު އުފެއްދި ސިއްޙީ ޚިދުމަތް ދޭ ކުލިނިކެކެވެ.
ކާމިޔާބު 10 އަހަރު މިއަހަރު ގުނަމުންދާއިރު އެއިމްސް ޑައިގްނޯސްޓިކް ކެއަރ ވެފައިވަނީ މުޖުތަމަޢަށް ފުޅާ ދާއިރާއެއްގައި ޞިއްހީ ޚިދުމަތްދެވޭ، އައްޑޫ ސިޓީގެ ރައްޔިތުންގެ މެދުގައި އިތުބާރު ހިފޭ ތަނަކަށް ވެފައެވެ. ތަފާތު ގިނަ އާ ޚިދުމަތްތައް ތަޢާރަފު ކުރުމާއެކު ބޭސްފަރުވާއަށް ރަށުން ނުވަތަ ރާއްޖެއިން ބޭރަށް ދަތުރު ކުރުމަށް އައްޑޫގެ ރައްޔިތުން ކުރަމުންދިޔަ ހޭދައަށް ލުއިފަސޭހައެއް ގެނެސްދިނުމުގައި މެދުކެނޑުމެއް ނެތި ޚިދުމަތް ކޮށްދެވޭ ރައްޔިތުންގެ މެދުގައި މަގުބޫލު ތަނަކަށް ވެފައެވެ.
އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ ފާއިތުވި 10 އަހަރުގެ ކާމިޔާބީގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި މުޖުތަމަޢަށް އެދެވޭ ގޮތުގައި ސިއްޚީ ޚިދުމަތް ދިނުމަށްޓަކައި ގިނަ ޑިޕާޓްމަންޓްތަކާއި ޚާއްޞަ ހިދުމަތްތައް ތަޢާރަފްކުރުން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ޖެނެރަލް މެޑިސިން، ގައިނެކޮލޮޖީ، އިންޓަރނަލް މެޑިސިން، ޕީޑިއަޓްރިކްސް، ރޭޑިއޮލޮޖީ، ޔޫރޮލޮޖީ، އީއެންޓީ، އޮފްތަލްމޮލޮޖީ، ކާޑިއޮލޮޖީ، އޯތޮޕެޑިކްސް، ޑަރމަޓޮލޮޖީ، އަދި ޑެންޓިސްޓްރީ އަކީ އެއިމްސް ޑައިގްނޯސްޓިކް ކެއަރ އިން މިހާތަނަށް މަސައްކަތް ފަށައި ޚިދުމަތް ދެމުން އަންނަ ފާހަގަ ކޮށްލެވޭ ޑިޕާޓްމަންޓް ތަކެވެ.
ހަމަ އެހެންމެ އެއިމްސް ޑައިގްނޯސްޓިކް ކެއަރއިން ތަނުން ދެމުން ގެންދާ ޚާއްޞަ ޚިދުމަތް ތަކުގެތެރޭގައި ދަރިމައިނުވުމުގެ މައްސަލައިގެ ޚިދުމަތްތަކާއި، ކްރައިއޯސާޖަރީ އަދި ހަމުގެ ޓެގް ނައްތާލުމަށް ކުރެވޭ ލޭޒަރ ސާޖަރީ ފަދަ ޚިދުމަތްތައް ހިމެނެއެވެ. ހަމަ މިއާއެކު ސަޕޯޓިވް ކެއަރ ގެ ގޮތުގައި ތަޢާރަފްކުރި ހޯމް ވިޒިޓް ސާވިސަސްއާއި އެއިމްސް މެޑީ ކެމިސްޓް، އެއިމްސް އޮޕްޓިކަލް އަދި ފިޒިއޮތެރަޕީ ފަދަ ޕުރޮގުރާމުތަކުން ބަލިމީހުންނަށް ބޭނުންވާ ފުރިހަމަ ފަރުވާ، އިތުބާރާއެކު ދަނީ ފޯރުކޮށްދެމުންނެވެ.
އެޑުވާންސް ފެސިލިޓީސް ގެ ގޮތުގައި އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ ޚިދުމަތްތަކަށް ލިބިގެން ދިޔަ އެންމެ ބޮޑުއެއް ކުރިއެރުމަކީ ޒަމާނީ ޓެކްނޮލޮޖީއާ އެކު ތައްޔާރުކޮށްފައިވާ އެއިމްސް ލެބޯޓްރީއެވެ. މި ލެބޯޓްރީއަކީ ދެކުނުގެ ސަރަހައްދުގެ އެންމެ މޮޅު އެއް ލެބޯޓްރީގެ ގޮތުގައި ފާހަގަކޮށްލެވޭ ލެބޯޓްރީއެކެވެ. މިގޮތުން އައްޑޫން ނެހެދޭ ފަދަ ޓެސްޓުތަކުގެ ސާމްޕަލްތައް ރަށުން ބޭރަށް ފޮނުވައިގެން ހެދުން ފަދަ ޚިދުމަތް ތައް ވެސް ހިމެނޭހެން މި ލެބޯޓްރީން އެކި ބާވަތުގެ ޓެސްޓުތައް ދަނީ ހަދަމުންނެވެ.
ސިއްޙަތާ ގުޅުންހުރި ތަފާތު ޚިދުމަތްތަކުގެ އިތުރުން ވޯކް ޕާމިޓް މެޑިކަލްސް އާއި ފުޑް ހެންޑްލަރ މެޑިކަލް އިވެލުއޭޝަންތައް ވެސް އެއިމްސް އިން ހަދަމުން އަންނަ އިރު އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ އައުޓްރީޗް ޕްރޮގްރާމު ތަކަކީ ގިނަ ބަޔެއްގެ ތަރުޙީބު ލިބި، ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭ ކާމިޔާބު ޙަރަކާތްތަކެކެވެ. އެގޮތުން މި ހަރަކާތްތައް ހދ. ހަނިމާދޫ ވެސް ހިމެނޭހެން ރާއްޖޭގެ އެންމެ އުތުރަށްވެސް ފުޅާކޮށްފައިވާއިރު، އެއިމްސް އިން ދަނީ ޞިއްހީ ހޭލުންތެރިކަން އިތުރުކުރުމަށާއި، އެ ރަށްތަކުގައި ލިބެން ނެތް ޚިދުމަތްތައް އެސަރަޙައްދުތަކުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެ ހިސާބުތަކުގެ ޞިއްހީ ފަރުވާދޭ މަރުކަޒުތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ ޑޮކްޓަރުން ގިނަގިނައިން ފުވައްމުލައް ސިޓީއަށް ޒިޔާރަތްކޮށް، އެ ސިޓީގައިވެސް ސެންޓަރުގެ ޚިދުމަތްތައް ދަނީ ދެމުންނެވެ.
އެއިމްސް ޑައިގްނޯސް ކެއަރ ގެ 10 އަހަރުގެ ކާމިޔާބީގައި ފާހަގަ ކޮށްލެވޭ އަނެއް ޚާއްޞަ ކަމަކީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް)ގެ ދަށުން މުޖުތަމައާއި ގުޅިގެން ކުރިއަށް ގެންދެވުނު ކޮމިޔުނިޓީ އެންގޭޖްމަންޓް ޕްރޮގްރާމު ތަކެވެ. މީގެ ތެރޭގައި ހިމެނޭ ފާހަގަކޮށްލެވޭ ހަރަކާތްތަކުގެ ތެރޭގައި ސިއްހަތާއި ދުޅަހެޔޮކަމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމަށް ސްކޫލްތަކާއި އާންމު ތަންތަނުގައި ކުރިއަށް ގެންދެވުނު މަޢުލޫމާތު ސެޝަންތަކާއި އައުޓްރީޗް ޕުރޮގުރާމުތަކާއި މެޑިކަލް ކޭމްޕްތަކުގެ ތެރެއިން ޒަރޫރީ ޞިއްހީ ފަރުވާ ފޯރުކޮށްދިނުމާއި، ޞިއްހީ ދާއިރާގެ އެކިއެކި ކަންބޮޑުވުންތަކާ ބެހޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވުން ހިމެނެއެވެ.
މުޖުތަމައަށް ބޭނުންތެރި ސިއްޙީ ގިނަގުނަ ޚިދުމަތްތަކާއެކު މި ނޮވެންބަރު މަހު، އެއިމްސް ޑައިގްނޯސްޓިކް ކެއަރ އަށް 10 އަހަރު ފުރުމުގެ ޝަރަފުގައި، ތަނުގެ ކުރިއެރުމަށް އެހީތެރިވި މުޖުތަމައުގެ ފަރުދުންގެ އަގުވަޒަން ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގައި ޚާއްޞަ އޮފާތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އުސްއަލިތަކުގެ ތެރޭގައި ގިނަ ޑިޕާޓްމަންޓްތަކުގެ ޑޮކްޓަރުންގެ ކޮންސަލްޓޭޝަން ފީން ޑިސްކައުންޓް ދިނުމާއި، ހިލޭ ލޭގެ ޕްރެޝަރު ޗެކަޕް ކުރުމާއި އޮޕްޓިކަލް އަދި ފިޒިއޮތެރަޕީ ޑިޕާޓްމަންޓުން ޚާއްޞަ ޑިސްކައުންޓު ދިނުމުގެ އިތުރުން އިތުރު ސަޕްރައިޒްތަކާއި ކޮމިއުނިޓީ ފޯކަސްޑް ޕުރޮގުރާމުތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
“މިދިޔަ 10 އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ދަތުރު ބިނާވެފައިވަނީ އައްޑޫ ސިޓީގެ ޞިއްހީ ފަރުވާ ބަދަލުކޮށް، ފެންވަރު ރަނގަޅު ޞިއްހީ ފަރުވާ އެންމެންނަށް ލިބޭނެ ގޮތް ހެދުން. އަޅުގަނޑުމެންގެ ކުރިއެރުމަކީ މުޖުތަމަޢުން އަޅުގަނޑުމެންނަށް ކުރާ އިތުބާރާއި، ސެންޓަރުގެ މުވައްޒަފުންގެ މިންނެތް މަސައްކަތުގެ ދަލީލެއް. އަޅުގަނޑުމެންގެ މި ދަތުރުގައި އަދި ޚާއްޞަކޮށް ކޯވިޑް-19 ޕެންޑަމިކްގައި އަޅުގަނޑުމެންގެ ޗެއާމަން، މުޙައްމަދު ނަޢީމް ސާބިތުކޮށްދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޗެއާމަން އަށް ޚާއްޞަ ޝުކުރެއް އަރުވަން. އެ ދުވަސްވަރު ކުރިމަތިވީ މާލީ ގޮންޖެހުންތަކާއެކުވެސް، އަޅުގަނޑުމެންގެ ޓީމަށާއި މުޖުތަމަޢުއަށް އެމަނިކުފާނު ދެއްކެވި ސާބަތިކަމާއެކުގައި، އެއިމްސް އަކީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ފުލީ-އޮޕަރޭޝަނަލް ތަނަކަށް ވަނީ ހެދިފައި. މި ކެތްތެރިކަމާއި ސާބިތުކަމުގެ ސަބަބުން މިއަދު އަޅުގަނޑުމެން މިހިސާބަށް އައިސްފައި މިތިބީ. އަދި އެކަމަށްޓަކައި އަޅުގަނޑުމެން ޙަޤީޤަތުގައިވެސް ޝުކުރުވެރިކަން”، ފާއިތުވި 10 އަހަރުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ މާކެޓިންގ މެނޭޖަރ، މުޙައްމަދު ޒާހީ ޙުސައިން ވިދާޅުވިއެވެ.
އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ ކާމިޔާބީ ފާހަގަކުރާ އިރު މި ކާމިޔާބީގައި ބައިވެރިވި ކާމިޔާބީގެ މައިތަނބުތައް ކަމަށްވާ އެންމެހައި ފަރާތްތަކަށް އެއިމްސް ޑައިގްނޯސްޓިކް ކެއަރ އިން ޝުކުރު އަދާކުރެއެވެ. އެއިމްސް އިން ގަބޫލު ކުރާގޮތުގައި ކުރީގެ އަދި މިހާރުގެ މެނޭޖްމަންޓަށާއި މުވައްޒަފުންގެ ބުރަ މަސައްކަތާއި ޚިދުމަތްތެރިކަމަކީ އެއިމްސް މިއަދު ފާހަގަކުރަމުންދާ ކާމިޔާބީގެ ބިންގަލެވެ.
މުޖުތަމަޢަށާއި، އެއިމްސްގެ ކާމިޔާބު 10 އަހަރުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ ހުރިހާ ބައިވެރިންނަށް އަދި މި ދަތުރުގައި އެއިމްސްއަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް، އެ ސެންޓަރުން ޝުކުރުއަދާ ކުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ އެއްބާރުލުން ލިބުމަކީ، ރަނގަޅު ފެންވަރުގައި ޚިދުމަތް ފޯރުކޮށްދީ، ދިވެހިރާއްޖޭގެ ޞިއްހީ ފަރުވާ އިތުރަށް ކުރިއެރުވުމަށް ލިބިގެންދާނެ ހިތްވަރެއްކަމަށް އެއިމްސް ޑައިގްނޯސް ކެއަރ އިން ދެކެއެވެ.
އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ އަމާޒަކީ ސެންޓަރުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ޤައުމުގެ ހުރިހާ ސަރަޙައްދުތަކުންވެސް މީހުން ފަރުވާ ހޯދަން އަންނަ، ދިވެހިރާއްޖޭގައި ޞިއްހީ ޚިދުމަތް ފޯރުކޮށްދޭ އެންމެ ފުންނާބު އުސް ސެންޓަރަށް ވުމެވެ. ހަމައެހެންމެ ކުރިއަރަމުން އަންނަ ޞިއްހީ ފަރުވާގެ ބޭނުންތައް ފުއްދުމަށްޓަކައި މެދުނުކެނޑި ޚިދުމަތް ދެވޭ ތަނަކަށް ވުމެވެ.