English Edition
Dhivehi Edition

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައިވާ ދެފަރާތެއްގެ މައްޗަށް ސާމްޕަލް ދިނުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.

މި ދެމީހުން ސާމްޕަލް ދިނުމަށް ދެކޮޅު ހެދުމުން އެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު، މި މައްސަލަ ބަލުމަށްފަހު ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި ދެމީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ބެލެވިގެން އެކަން ޔަޤީންކުރުމަށް ޑޮކްޓަރަށް ދައްކާ ސާމްޕަލް ނަގަން އެންގުމުން މި ދެމީހުންވެސް އެކަމާއި ދެކޮޅު ހަދާފައިވާކަން ލިޔެކިޔުންތަކުން އެނގޭކަމަށެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ އެ ދެމީހުންގެ މައްޗަށް ސާމްޕަލް ދިނުމަށް އެންގުމާއެކު، ސާމްޕަލް ނެގުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ އެންގެވުމާ އެއްގޮތަށް ސާމްޕަލް ނަގައިދިނުމަށް ކަމާއި ބެހޭ ފަރާތްތައް އަދި ފުލުހުންގެ މައްޗަށް ދެ އަމުރެއް ނެރެފައިވާ ކަމަށެވެ.

މީގެކުރިން ވެސް ސިވިލް ކޯޓުން ވަނީ ސާމްޕަލް ދޭން ދެކޮޅު ހެދި ބައެއްގެ މައްޗަށް އަމުރު ނެރެފަ އެވެ.

މިހާތަނަށް ރާއްޖެއިން 2،260 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 1،839 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.