English Edition
Dhivehi Edition

އައްޑޫގެ ސްކޫލް ތަކުގެ ދަރިވަރުންނަށް ކޮވިޑް 19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހުމުގެ މަސައްކަތް ފަށައިފިއެވެ. ސްކޫލް ދަރިވަރުންގެ ތެރެއިން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރައިގެ ސްކޫލް ދަރިވަރުންނަށް ޖަހަނީ ފައިޒަރ ވެކްސިން އެވެ.

އައްޑޫގައި ސްކޫލް ތަކުގެ ދަރިވަރުންނަށް ވެކްސިން ޖަހަން ފަށާފައިވަނީ އިއްޔެ ހެނދުނު އައްޑޫހައިސްކޫލުގައި ބޭއްވި ރަސްމިއްޔާތަކަށް ފަހުގައެވެ. މި ރަސްމިއްޔާތުގައި އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު އާއި ކައުންސިލް މެމްބަރުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ ސްކޫލް ތަކުގެ ދަރިވަރުންނަށް ވެކްސިން ޖަހަން އެންމެ ފުރަތަމަ ފަށާފައިވަނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގައެވެ.

ދަރިވަރުންނަށް ވެކްސިން ޖަހަން ފެށުމާއި ގުޅިގެން ހެލްތް މިނިސްޓަރު ނަސީމު ވިދާޅުވީ، ވެކްސިން ދިނުމަށް މި ފެށި އާބާދީއަކީ މުހިއްމު އާބާދީއެއް ކަމަށެވެ. އަދި ރާއްޖެއަކީ ވެކްސިން ޕްރޮގްރާމްގައި ކާމިޔާބު ގައުމެއްކަމަށާއި، ލީޑަރޝިޕްގެ ފަރާތުން ވިސްނުންތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށް މިނިސްޓަރު ނަސީމު ވިދާޅުވިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ޔޫއެސްގެ އެހީގައި ރާއްޖެއަށް 128,600 ޑޯޒް ފައިޒަރ ވެކްސިން ލިބިފައިވާ ކަމަށެވެ. ފައިޒަރ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއް ކަމުން މި ފަހަރު ލިބިފައިވާ ފައިޒަރ ވެކްސިން ޖަހާނީ ވަކި އުމުރު ފުރާތަކަކަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވެކްސްގެ ދަށުން ލިބުނު ފައިޒަރ ވެކްސިން ޖަހާނެ ފަރާތްތައް

  • 12 އަހަރާ 17 އަހަރާ ދެމެދުގެ ކުދިން
  • ދިފާއީ ނިޒާމް ބަލިކަށި މީހުން
  • މާބަނޑު މީހުން (މާބަނޑު މީހުންގެ ތެރެއިން ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ޖަހާނީ ފައިޒަރ ވެކްސިން އަދި މާބަނޑު މީހުންގެ ތެރެއިން ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުން ފައިޒަރ ނުވަތަ އެސްޓްރާ ޒެނެކާވެކްސިން ޖެހުމަށް ޚިޔާރުކުރެވިދާނެ)
  • ކޮވިޝީލްޑް ނުވަތަ ސިނޮފާރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ބޮޑު ސައިޑް އިފެކްޓެއް ކުރިމަތިވެފައިވާ، ދެވަނަޑޯޒަކަށް ފައިޒަރ ވެކްސިން ޖެހުމަށް އޭއީއެފްއައި ކޮމިޓީއިން ލަފާ ދެއްވާފައިވާ ފަރާތްތައް ރާއްޖެއިން ބޭރުގައި ކިޔަވާ ނުވަތަ ކިޔަވަންދާން ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ކިޔަވަންދާ ޤައުމުގައި ހަމައެކަނި ފައިޒަރ ޤަބޫލުކުރާ ޤައުމުތަކަށް ކިޔަވަންދާ ފަރާތްތައް

މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ސްކޫލްތައް މެދުވެރިކޮށެވެ.