އައްޑޫސިޓީ ހިތަދޫއިން މިއަދު ނިޔާވި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އޭއޯނިއުސްއާއި ވާހަކަ ދެއްކެވި އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި ނިޔާވީ ޢުމުރުން ދުވަސްވީ އަންހެނެކެވެ. ޕޮޒިޓިވް ވި ކަން އެނގުނީ ނިޔާވި ފަހުން ހެދި ޓެސްޓުގެ ނަތީޖާއިންނެވެ،
އައްޑޫސިޓީގައި ކޮވިޑްގެ ޙާލަތު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ގޯސްވެ ކޮންމެ ދުވަހަކުހެން މި ބަލީގައި މީހުން ޕޮޒިޓިވް ވަމުންނެވެ. އެގޮތުން އިއްޔެ އިރުއޮއްސުމާ ހަމަޔަށް މިސިޓީގައި ކޮވިޑް ޖެހިފައި 146 މީހަކު ތިބިއިރު އޭގެތެރޭގައި ހިމެނެނީ މަރަދޫގެ 81 މީހުންނާއި މަރަދޫފޭދޫގެ 39 މީހަކާއި ފޭދޫއިން ފައްސިވި 14 މީހުންނާއި ހިތަދޫ 12 މީހުންނެވެ.
މިމީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 487 މީހުން ކަރަންޓީނުގައި މިހާރު އެބަތިއްބެވެ.
އިއްޔެ އެކަނިވެސް މިބައްޔަށް 10 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މިމީހުން ޕޮޒިޓިވް ވެފައިވަނީ ހިތަދޫއާއި މަރަދޫއާއި ފޭދޫއިންނެވެ. އޭގެތެރޭގައި ހިމެނެނީ ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވް ވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ 7 މީހަކާއި ފުލޫ ކްލިނިކަށް ދެއްކި މީހެއްގެ އިތުރުން ހޯމް ކަރަންޓީނުގައި ހުރިމީހެކެވެ. އައްޑޫގައި މިހަފްތާގެ ތެރޭ ސަވައިލެންސް ސާމްޕަލް ވެސް ނަގަމުން ދެއެވެ.
ޕޮޒިޓިވް ވާ މީހުންގެ އަދަދު ގިނަވެ އައްޑޫގެ ޙާލަތު ގޯސްވަމުން ދިޔަ ކަމުގައިވިޔަސް ބަލިކޮންޓްރޯލް ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަދި އަޅާފައެއް ނުވެއެވެ. ވޭތުވެ ދިޔަ ބޮޑު ޗުއްޓީގެ ތެރޭ މުޅި ސިޓީ ހުޅުވާލިފަހުން އޭރު އެޅިފިޔަވަޅުތަކަށް އެއްކޮށް ލުއިދީ މިސިޓީގައި ވަނީ ޢާއްމު ޙާލަތު އިޢުލާން ކޮށްފައެވެ. ސްކޫލްތަކުންވެސް މިހާރަކަށް އައިސް ގިނަ ޢަދަދެއްގެ ކުދިން ޕޮޒިޓިވް ވަމުން އައި ކަމުގައި ވިޔަސް އެކުއްޖަކު ޕޮޒިޓިވް ވާ ކްލާސް ބަންދު ކުރުން ފިޔަވައި އިތުރު ފިޔަވަޅުތަކެއް އަޅަމުން ނުދާތީ މިކަމާމެދު ގިނަ ބަޔަކު އަންނަނީ ޝަކުވާ ވެސް ކުރަމުންނެވެ.