ކަންގަނާ އާއި ރިތިކް ރޯޝަންގެ ގުޅުމުގެ ވާހަކަ އާއި އެ ދެ ތަރިންގެ ކޯޅުންތަކުގެ ވާހަކައަކީ އަބަދުވެސް މިޑިއާގެ ސަމާލުކަން ހޯދަމުން އަންނަ ވާހަކަތަކެކެވެ. ކަންގަނާ އޭނަ އާއި ރިތިކް ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް ބުނަމުން ދިޔަ ނަމަވެސް ރިތިކްވަނީ ފާޅުގައި އެކަމަށް އިންކާރުކޮށްފައެވެ. އެ ‘ގުޅުމަށް’ ނިމުން އައި ފަހުން ދެމީހުންވެސް ވަނީ އެކަކު އަނެކަކަށް ބަހުގެ ހޫނު ހަމަލާތަކެއް ދީފައެވެ. އަބަދުވެސް ބޮލީވުޑްގައި ހިނގާ ނޭދެވޭ ކަންތައްތަކުގެ ވާހަކަ ވަރަށް ފާޅުގައި ދައްކަމުން އަންނަ ކަންގަނާ ވަނީ ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއްގައި ރިތިކް ދެއްކި ވާހަކަތަކަށް ވަރުގަދަ ރައްދެއް ދީފައެވެ.
ފިލްމީ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ރިތިކް، ކަންގަނާއާއި ބެހޭ ގޮތުން އޭނާގެ އެކުވެރިން ގާތު ދެއްކި ވާހަކަތައް މީޑިއާގައި ހިއްސާކުރަމުން، ކަންގަނާ ބުނީ އޭނާ އުޅެނީ ފައިސާ އާއި ހެދިކަމަށް ރިތިކް ބުނެފައިވާ ކަމަށެވެ. “އަހަންނާއި ބެހޭ ގޮތުން ރިތިކްގެ އެކުވެރިން ގާތު އޭނާ ބުނިކަމަށްވަނީ އަހަރެން ރިތިކްގެ ފަހަތުން އުޅެނީ އޭނާގެ ލާރި އާއި ހެދިކަމަށް.” ކަންގަނާ ބުންޏެވެ.
ރިތިކްގެ ފާޑުކިޔުންތަކާއި ގުޅިގެން އިތުރަށް ކަންގަނާ ބުނީ ފިލްމީ ދާއިރާއަށް ނިކުތްއިރު ހާސިލްކުރަން ބޭނުން ވަކި ހާއްސަ ކަމެއް ނެތްކަމަށާއި އެކަމަކު އަބަދުވެސް އޭނާއަކީ ކުޑަ އަވަށަކުން އައިސް މި ދާއިރާއަށް ނިކުތް މީހެއްކަން ބައެއް މީހުން އޭނާއަށް އިހްސާސްކޮށްދެމުން ދިޔަ ކަމަށެވެ. އެންމެ ފަހުން ރިތިކްވެސް އޭނާ އުޅެނީ ފައިސާ އާއި ހެދިކަމަށް ބުނި ބުނުމަކީ އޭނާގެ ދިރިއުޅުމާއި މެދު ފުންކޮށް ވިސްނާލަން ޖެހުނު ވާހަކަތަކެއް ކަމަށް ކަންގަނާ ބުންޏެވެ.” އެ ވާހަކަތަކަކީ އަހަރެންގެ ދިރިއުޅުން ބަދަލުކުރަން ޖެހުނު ވާހަކަތަކެއް” ކަންގަނާ ބުންޏެވެ.
މިހާރު ބޮލީވުޑްގެ ނުފޫޒުގަދަ ތަރިންގެ ތެރޭގައި ހިމެނާ ކަންގަނާ ބުނީ މިއަދު އޭނާއަށް ފަހުރުވެރިކަމާއެކު، އޭނާގެ ކުރީގެ ލޯބިވެރިޔާ ދިރިއުޅެނީ ބައްޕަގެ ފައިސާއިން ކުއްޏަށް ނަގާފައިވާ ގެއެއްގައި ކަމަށް ބުނެވެން އެބައޮތް ކަމަށެވެ.” އަހަރެން އުޅެނީ އަހަރެންގެ އަމިއްލަ މަސައްކަތުން ހޯދި ލާރިން ގަނެފައިވާ ގެއެއްގަ. އަހަންނަށް ނޭގޭ އަހަރެން އުޅެނީ ފައިސާ އާއި ހެދި ނޫންކަން ސާބުތުކޮށްދޭނެ ގޮތެއް. އެކަމަކު މިހާރު އަހަރެންގެ އެންމެ ބޮޑު މަގްސަދަކީ އުމުރުން 50 އަހަރުވާއިރު އިންޑިއާގެ އެންމެ މުއްސަނދި މީހުންގެ ލިސްޓްގައި އަހަރެންގެ ނަން ހިމެނުން. މީހާރު އަހަރެން ބޭނުން ވަނީ އެންމެ ފެންވަރު ރަގަޅު އޮފީހާއި އެންމެ ފެންވަރު ރަގަޅު ގެއެއް” ކަންގަނާ ބުންޏެވެ.
2013ވަނަ އަހަރު ‘ކްރިޝް’ ރިލީޒްވިއިރު ކަންގަނާއާއި ރިތިކްއަށް ވަނީ އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ. ދެމީހުން ރައްޓެހިވެގެން އުޅުނު އިރު އެކުގައި އުފާވެރި ދުވަސްތަކެއް ހޭދަކޮށްފައިވާކަމަށާއި އަދި އޭރު ރިތިކް ބޮލުގެ އޮޕަރޭޝަނެއްކޮށް އައިސީޔޫގައި އޮށް އިރުވެސް އެ ގުޅުން ކުރިއަށް ދިޔަކަމަށް ކަންގަނާވަނީ މީގެ ކުރިން ބުނެފައެވެ.
ކަންގަނާ ބުނެފައިވަނީ 2013 ވަނަ އަހަރު ޑިސެމްބަރު މަހު ރިތިކްގެ އަބިމީހާ ސުޒެން ހާން ރިތިކް ގާތުން ވަރިވުމުން އެ ގުޅުން އިތުރަށް ބަދެހިވެގެން ދިޔަކަމަށާއި ރިތިކްވަނީ އޭނާއާއި ކައިވެނިކުރުމަށް ވައުދުވެފައިކަމަށެވެ. އަދި 2014 ވަނަ އަހަރު ކުރީކޮޅު ޕެރިހުގައި ރިތިކް އޭނާ ގާތުން ކައިވެންޏަށް އެދިފައިވާކަމަށް ކަންގަނާވަނީ ބުނެފައެވެ. މީގެ އިތުރުން ކަންގަނާ ބުނެފައިވަނީ ‘ބޭންގް ބޭންގު’ ގެ ބަތަލާއާއި ރިތިކްގެ ގުޅުން ބަދެހިވެ އޭނާއާއި ރިތިކް ރުޅިވެފައިވަނީ ލޯބިވެރިންގެ ދުވަހުގައިކަމަށެވެ. އަދި ފަހުން ކަންގަނާއާއި ގުޅުމަށް ރިތިކް އެދިފައިވާކަމަށާއި އޭނާއަށް ވަރަށް ގިނަ ފަހަރު އާދޭސްކޮށްފައިވާކަމަށް ކަންގަނާވަނީ ބުނެފައެވެ