English Edition
Dhivehi Edition

ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީންގެ ތެރެއިން, ސަރުކާރުން ހިންގަވާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިނުވާ ބިދޭސީން އައްޑޫގެ އެއްވެސް ގެއެއްގައި ބޭތިއްބުމަކީ މަނާކަމެއްކަމުގައި އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ބިދޭސީންނާއި ގުޅޭ ގޮތުން ކަމާބެހޭ ދައުލަތުގެ އިދާރާތަކާއި މަޝްވަރާކޮށް އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުންތަކުގެ ތެރޭގައި ސަރުކާރުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިނުވެ، އައްޑޫގައި ތިބި ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި ކުރަންޖެހޭ ކަންކަން ދައުލަތުގެ އިދާރާތަކާއި ގުޅިގެން ކުރަމުން ގެންދިއުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އައްޑޫއަށް ބިދޭސީއަކު ގެނައުމުގެ ކުރިން އެބިދޭސީއަކު އައްޑޫ އަށް ގެންނަ ފަރާތަކުން އެ އަވަށެއްގެ އަވަށު އޮފީހުގައި ރަޖިސްޓަރީކުރަންވާނެ ކަމަށާއި އައްޑޫއިން ބިދޭސީއަކު ފޮނުވާލުމުގެ ކުރިން ނުވަތަ އެބިދޭސީއަކު ދިއުމުގެ ކުރިން އެ އަވަށެއްގެ އަވަށު އޮފީހުގައި އެކަމަށް ކަނޑައަޅާފައިވާ ފޯމް ފުރަންޖެހޭނެކަމަށް ކައުންސިލުންވަނީ ބުނެފައެވެ.

މިއިއުލާނުގައި ބުނެފައިވާ ގޮތުން މިހާރު އައްޑޫ ސިޓީގައި ދިރިއުޅެމުންދާ ބިދޭސީންވެސް އެއަވަށެއްގެ އަވަށު އޮފީހުގައި ރަޖިސްޓަރީ ކުރަންވާނެކަމަށް ކައުންސިލުންވަނީ ބުނެފައެވެ. މީގެ އިތުރުން ކައުންސިލްގެ އިއުލާންގައި ބުނީ، ބިދޭސީން ރަޖިސްޓަރ ކުރުމަށް (ދަފްތަރުގައި ޖެއްސުމަށް) އަދި ޑީރެޖިސްޓަރ ކުރުމަށް (ދަފްތަރުން އުނިކުރުމަށް) އެދޭ ފޯމު ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށާއި އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހެޅޭނެ ކަމަށެވެ.