ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރެވިގެންދާއިރު ބިދޭސީންގެ އަދަދު ކަށަވަރު ކުރެވިގެންދާނެ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ފޮރިން ލޭބަރ ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުލްމަޖީދު ވިދާޅުވީ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުން ވަރަށް ގިނަ ނަތީޖާތަކެއް ހާސިލްވެފައިވާ ކަމަށެވެ. ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެކި ސަރުކާރުތަކުން މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ބިދޭސީންގެ ބަޔޯ މެޓްރިކްސް ޑޭޓާ ނެގުމުގެ މަސައްކަތް ފެށީ މި ސަރުކާރުން ކަމަށެވެ.ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންނަކީ ބިދޭސީންގެ ބަޔޯ މެޓްރިކްސް އަޕްޑޭޓްކޮށްފައި ތިބި މީހުން ކަމުގައި ކަށަވަރު ކުރެވިގެންދާނެކަން ފާހަގަކުރަމުން އަބްދުލްމަޖީދު ވިދާޅުވީ އޭރުން ބިދޭސީންގެ އަދަދު ކަށަވަރުވެގެން ދާނެކަމަށެވެ.
“އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުޅި މަސައްކަތް ނިމިގެންދާއިރު ހާސިލްކުރެވުގެންދާނެ ނަތީޖާއަކީ. ދެވަނަ ކަމެއްގެ ގޮތުގައި ރާއްޖޭގައި ތިބި ބިދޭސީންނަކީ ޤަވާއިދުގެ ތެރޭގައި ތިބި ބައެއްކަން ކަށަވރުވެގެންދާނެ.” އަބްދުލްމަޖީދު ވިދާޅުވިއެވެ.
މީގެ އިތުރުން ބިދޭސީންނާ ގުޅުންހުރި އެކި ފީތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ފީ ނުދައްކާ 8000 އަށްވުރެ ގިނަ ފަރާތް އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ސަސްޕެންޑްކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި ބިދޭސީންނާއި ގުޅުންހުރި އެކި ފީތަކާއެކު ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ނިޒާމު ބައްޓަންކުރަމުންދަނީ މިފަދަ ފީތައް ނުދައްކާ ފަރާތްތަކަށް، ބިދޭސީންނާއި ގުޅުންހުރި އެއްވެސް ހިދުމަތެއް ދައުލަތުގެ އިދާރާތަކުން ނުލިބޭގޮތަށް ކަމަށް ސްޓޭޓް މިނސްތަރު ވިދާޅުވިއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރަން ފެށީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބަޔޯ މެޓްރިކްސްނަގައި، އެކްސްޕެޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ބިދޭސީންނާއި ގުޅުންހުރި އެކި ކަންކަމުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށާއި، ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.