English Edition
Dhivehi Edition
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން، ކޮތަޅަކަށް ފައިސާ އަޅައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ކޯޓުގައި ހެކިބަސް ދިން، އިމިގްރޭޝަންގެ އޮފިސަރު އަހުމަދު ލައްސާން ނުވަ މަހަށް ޖަލަށް ލުމަށް މިއަދު ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މި ހުކުމް ކުރީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި އޭނާ ކުށަށް އިއުތިރާފުވެ ދައުލަތާ އެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާގެ މައްޗަށް ވަނީ ފޭރުމުގެ ކުށާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފަ އެވެ.

ޖަލު ހެދުމުގައި ހުރެ ޝަރީއަތަށް ހާޒިރުވެ، ޝަމްއާންއާ ދެކޮޅަށް ހެކިބަސް ދެމުން ލައްސާން ވަނީ އެ ހާދިސާ ހިނގި ގޮތް ކިޔައިދީފަ އެވެ. ލައްސާން ބުނި ގޮތުގައި، ބިދޭސީ މީހާގެ އަތުން ނެގި ފައިސާތައް ހުދު ކުލައިގެ ކޮތަޅަކަށް އަޅައިގެން ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓަށް ގެންދިޔައީ އިމިގްރޭޝަންގެ އެހެން އޮފިސަރެކެވެ. އެ ފައިސާ ކޮތަޅާ ޝަމްއާން ހަވާލުވުމަށް ފަހު، އޭގެ ތެރެއިން ދެ ބޮނޑި ނަގައި އެ ފައިސާ ގެންދިޔަ އޮފިސަރަށް ދިން މަންޒަރު ފެނުނު ކަމަށް ވެސް ލައްސާން ކޯޓުގައި ބުންޏެވެ.

މި މައްސަލައިގައި ލައްސާންގެ މައްޗަށް އިއްވި ހުކުމުގައި ފޭރުމުގެ ކުށަށް ހަތް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް އަދި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ކުށަށް ދެ މަހާއި 12 ދުވަހުގެ ޖަލު އަދަބެއް ހިމެނެ އެވެ. އަދި 28،000 ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން އޭނާ ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ. މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ މުހައްމަދު އަލްސަން އިސްމާއިލް ކުށަށް އިއުތިރާފުވުމުން، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށް ފަހު ބާކީ އޮތް ބައި 45،000 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށް ހުކުމް އިއްވި އެވެ.