ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، މީގެ ކުރީގެ އެއްވެސް ވެރިކަމެއްގައި ހާސިލުނުވާ ފަދަ “އިންގިލާބީ” ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މި މަސައްކަތުގެ ދަށުން މިހާތަނަށް ހޯދިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު (އިނގިލީގެ ނިޝާނާއި ފޮޓޯ) އެއްކޮށް ނިންމާލުމެވެ. މިއީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެންމެ 13 އިންސައްތައިގައި އޮތް ކަމެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، މި ދަފްތަރު ފުރިހަމަވުމަކީ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި، ސައްޙަ ލިޔެކިޔުން ނެތި އުޅޭ ބިދޭސީން ހޯދައި، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ހާއްސަ އޮޕަރޭޝަނެއް ހިންގުމެވެ. “އޮޕަރޭޝަން ކުރަނގި” ގެ ނަމުގައި ހިންގާ މި މަސައްކަތަކީ ދައުލަތުގެ ގިނަ މުއައްސަސާތަކެއް ގުޅިގެން، ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން ކުރިއަށްގެންދާ ގައުމީ މަސައްކަތެކެވެ.