English Edition
Dhivehi Edition

ސުޝާންތް ސިންގް ރާޖްޕުތްގެ މަރާއި ގުޅިގެން އޭނާގެ ލޯބިވެރިޔާކަމުގައި ގިނަ ބަޔަކު ބުނަމުންދާ ބަތަލާ ރިއާ ޗަކްރަބޯޓީ ގެ ބަޔާނެއް ފުލުހުން ނަގައިފިއެވެ.

ސުޝާންތުގެ ކުއްލި މަރާއި އެކު އެކަމުގެ ޒިންމާ ބޮލީވުޑްގެ ނުފޫޒުގަދަ ގިނަ ބައެއްގެ ބޮލުގައި އަޅުވަމުން އަންނައިރު ސުޝާންތުގެ ބޮޑުބޭބެ ވަނީ ބަޔަކު އޭނާ މަރާލީކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ސުޝާންތު އަކީ އަމިއްލައަށް މަރުވާނޭ މީހެއް ނޫންކަމަށް ބުނެ އޭނާގެ ބޮޑު ބޭބެވަނީ އެ މައްސަލަ ބަލައިދިނުމަށް އެދިފައެވެ.

ސުޝާންތުގެ މަރުގެ ތަހުގީގުތައް މިހާރު ފުލުހުން ފަށާފައިވާއިރު، ފާއިތުވެ ދިޔަ 10 ދުވަހު ސުޝާންތު ގުޅާފައިވާ އެންމެންގެ މައުލޫމާތު ފުލުހުންވަނީ އެއްކޮށްފައެވެ. އަދި އެ އެންމެންގެ ބަޔާންތައްވެސް ފުލުހުން ނަގަމުން އަންނައިރު އޭނާ އެންމެ ފަހުން ކުޅުނު ފިލްމު “ދިލް ބޭޗާރާ” ގެ ޑައިރެކްޓަރުގެ ބަޔާންވެސް ވަނީ މިހާރު ނަގާފައެވެ.

ސުޝާންތުގެ މަރާއި ގުޅިގެން ކުރަމުން އަންނަ ތަހުގީގަށް ރިއާގެ ބަޔާން ދިނުމަށް، ބިހާރް ޕޮލިސްޓޭޝަނަށް ގޮސްފައިވާއިރު، ސުޝާންތުގެ ޖަނާޒާގެ އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެފައިނުވާކަމަށް މީޑިއާތަކުންވަނީ ބުނެފައެވެ.

ސުޝާންތު އާއި ރިއާ ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާގައި ވާހަކަތައް ދެކެވުނު ނަމަވެސް މި ދެތަރިންވެސް މިގުޅުމާއި ބެހޭ ގޮތުން ދުވަހަކުވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް ދެ ތަރިން އެކުގައި ޗުއްޓީއަށް އެކި ތަންތަނަށް ދަތުރުކޮށް، ނަގާފައިވާ ފޮޓޯތައް މީޑިއާގައި ހިއްސާކޮށްފައިވާއިރު މި ދެތަރިން ނޮވެމްބަރު މަހު ކައިވެނިކުރުމަށް ނިންމާފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ.