ސުޝާންތު ސިންގް ރާޖްޕުތްގެ މަރާއި އެކު ބޮލީވުޑްގެ ފިލްމީ ތަރިންގެ މެދުގައި މިހާ ދުވަހު އުފެދިފައިވާ ހަމަނުޖެހުންތައް ބޭރުވެ، ސޯޝަލްމީޑިއާގައި ގިނަ ތަރިންވަނީ ބޮލީވުޑްގެ ނުފޫޒުގަދަ މީހުންނަށް ވަރުގަދަ ބަހުގެ ހަަމާލަތަކެއް ދީފައެެވެ. ފިލްމީ ދާއިރާއަށް ނިސްބަތްނުވާ އާއިލާ ތަކުގެ މީހުންނަށް ބޮލީވުޑްގައި ފައިތިލަ ސާބިތުކުރުމަށް ހުރި ދަތިތަކުގެ ވާހަކަ އަކީ އެންމެންނަށް އެގޭ ބޮޑު ސިއްރަކަށްވިޔަސް އެ ވާހަކަތައް މީޑީއާ އާއި ހަމައަށް އައިސްފައިވަނީ ވަރަށް މަދުންނެވެ. އެހެންނަމަވެސް ޒުވާންތަރި ސުޝާންތުގެ މަރާއެކު ބޮލީވުޑްގައި ގަނާކުރުމާއި، ތަފާތުކުރުން އަދި ނުފޫޒުގެ ބޭނުންކޮށްގެން އެވޯޑްތައް ހޯދުމާއި ނުފޫޒު ގަދަ މީހުންގެ ނުފޫޒުން މޮޅެތި ފިލްމުތައް ފިލްމީ އާއިލާގެ ތަރިންނަށް ދޭ ވާހަކަތަކާއެކު މިއަދު ބޮލީވުޑްގެ ގިނަ ތަރިންވަނީ ތެދުވެފައެވެ.
ތަރިންގެ މިވާހަކަތަކާއެކު ގިނަ ބަޔަކަށް ހައިރާންކަމެއް ލިބިގެން ދިޔައީ 2013 ވަނަ އަހަރު ޖުލައި 03 ވަނަ ދުވަހު އަމިއްލަ އަށް ދަންޖެހިގެން މަރުވި ބަތަލާ ޖިއާ ޚާންގެ މަރާއި ގުޅިގެން ކުރިއަށް ދިޔަ ޝަރީއަތާއި ބެހޭ ގޮތުން އޭނަގެ މަންމަ ރާބިޔާ އަމީން ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ. ޖިއާ އަމިއްލައަށް މަރުނުވާނެ ކަމަށް އޭނަގެ މަންމަ ތަކުރާރުކޮށް ބުނެފައިވާއިރު ޖިއާގެ މަރުގެ ތުހުމަތު އޭނަ އަޅުވާފައިވަނީ ޖިއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބޮލީވުޑްގެ އެކްޓާ ސޫރަޖް ޕަންޗޯލީ އަށެވެ. ބޮލީވުޑްގެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ސޫރަޖުގެ މައްޗަށް މީގެކުރިންވެސް ރާބިޔާ ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު ސުޝާންތުގެ މަރާއެކު އަނެއްކާވެސް ރާބިޔާ މިވަނީ ޖިއާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލަފައެވެ.
ޖިއާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޖިއާގެ ޝަރީއަތް ކުރިއަށް ދިޔައިރު ދިމާވި ކަންތައްތައް ހިއްސާކުރަމުން ރާބިޔާ ބުނީ އެ ޝަރީއަތަށް ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ތަރި ސަލްމާން ހާން ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާކަމަށެވެ. ” 2015 ވަނަ އަހަރު އަހަރެން ލަންޑަނުގަ ހުއްޓާ މުމްބާއި ސީބީއައި އިން ފޯނުކޮށްފަ ބުނަނީ މައްސަލައިގެ އިތުރު ހެކިތައް ލިބިފައިވާ ކަމަށް. އަހަރެން ވަގުތުން މުމްބާއީ އަށް ދިއުމުން ސީބީއައި އޮފިސަރު ބުނި ހެކިތައް ލިބިފައިވާ ކަމަށާއި އެހެންނަމަވެސް މި މައްސަލައަށް ސަލްމާން ވަރަށް ބޮޑަށް ނުފޫޒުފޯރުވާކަމަށް.”ރާބިޔާ ބުންޏެވެ. އިތުރަށް ރާބިޔާ ބުނީ ސަލްމާން ކޮންމެ ދުވަހަކު ގުޅާފަ ސޫރަޖްއަށް އަނިޔާ ނުކުރުމަށާއި، އޭނާ ގައިގައި އަތްވެސް ނުލާން ފުލުހުންނަށް އަންގާފައިވާކަމަށެވެ.
އެ މައްސަލަ ދިއްލީ ކޯޓަށްވެސް ހުށަހެޅިކަން ފާހަގަކުރަމުން ރާބިޔާ ވަނީ ތަހުގީގުތައް ހުއްޓުވުމަށް ފައިސާއާއި ނުފޫޒުގެ ބޭނުން ކުރާނަމަ އާންމު ރައްޔިތުން ދާނީ ކޮންތާކަށްތޯ ބުނެ ސުވާލުކޮށްފައެވެ. “އަހަރެން ބުނަން ބޭނުމީ އަމިއްލައަށް ތެދުވާށޭ. ބޮލީވުޑްގައި ހިނގާ މިފަދަ ހާދިސާތައް ހުއްޓުވާށޭ. ބޮލީވުޑް ބަދަލުވާން އެބަޖެހޭ. ބޮލީވުޑް ހޭލަން އެބަޖެހޭ” ރާބިޔާ ބުންޏެވެ.
ޖިއާ އުފަންވެފައިވަނީ އެމެރިކާގެ ނިއުޔޯކް ސިޓީއަށެވެ. ބޮލީވުޑްގައި ފިލްމީ ކެރިއަރު ފެށުމުގެ ކުރިން ލަންޑަނުގައި ދިރިއުޅެމުންދިޔަ ޖިއާގެ އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ 2007 ވަނަ އަހަރު އަމީތާބް ބައްޗަންއާ އެކު ކުޅުނު ފިލްމެކެވެ. އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި އާމިރު ޚާންގެ ސައިކޮލޮޖިކަލް ތްރިލާއެއް ކަމަށްވާ ‘ގަޖްނީ’އާއި، 2010 ވަނަ އަހަރު ނުކުތް މަޝްހޫރު ކޮމެޑީ ފިލްމް ‘ހައުސްފުލް’ ހިމެނެއެވެ.
ޖިއާ މަރުވެފައި ހުރީ އޭނާ ނިދާ ކޮޓަރީގެ ފަންކާގައި ދަންޖެހިގެން ނަމަވެސް ރާބިޔާ ތަކުރާރުކޮށް ބުނެފައިވަނީ އޭނާގެ ދަރިފުޅަ އަމިއްލައަށް މަރުނުވާނެ ކަމަށެވެ. އަދި މި މައްސަލަ ބަލައިދިނުމަށް ހައި ކޯޓުގައި ރާބިއާ އެދުމާއެކު ހައިކޯޓުން ވަނީ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް(ސީބީއައި) އަށް މައްސަލަ ތަހުގީގުކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ތަހުގީގުކުރުމަށްފަހު ޖިއާ މަރުވީ އަމިއްލައަށް ކަމަށާއި މީހަކު އޭނާ މަރާލީ ނޫން ކަމަށް ބޮމްބޭ ހައި ކޯޓުގައި ސީބީއައި އިން ވަނީ ބުނެފައެވެ. އަ ޖިއާގެ މަރާ ގުޅޭ ގޮތުން ލިބިފައިވާ އެންމެ މުހިއްމު ދެ ހެއްކަކީ އޭނާގެ ހަށިގަނޑާއި މޯބައިލް ފޯނުކަމަށާއި ޖިއާ މަރުވީ އަމިއްލައަށް ކަން ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ސީބީއައި އިން ބުނެފައިވެ އެވެ.
އެހެންނަމަވެސް ސީބީއައިގެ ތަހުގީގާ ހިތްހަމަނުޖެހިގެން ޖިއާގެ މަންމަ ޔޫކޭގެ ފޮރެންސިކް ޓީމަކަށް މި މައްސަލަ ބަލަދިނުމަށް ހުށަހެޅިއެވެ. މިތަނުގެ ފަރާތުން މި މައްސަލަ ބެލުމަށް ޖިއާގެ މެޑިކަލް އަދި ޕޯސްޓް-މޯޓަމް ރިޕޯޓްތައް ތަހުގީގުކޮށްފައިވާއިރު ޖިއާ މަރުވެފައި އޮއްވައި ނަގާފައި ހުރި ފޮޓޯތައް އެނަލައިޒްކުރި އެވެ. އަދި މިކަމާ ގުޅުންހުރި ސީސީޓީވީ ފުޓޭޖްތަކާއި ޖިއާގެ ކޮޓަރީގެ ފޮޓޯތައް މި އިންވެސްޓިގޭޝަނަށް ބޭނުންކޮށްފައިވެ އެވެ. ޖިއާ މަރުވީ އަމިއްލައަށްކަމަށް ސީބީއައި އައި އިން ބޮމްބޭ ހައި ކޯޓުގައި ބުނިތާ މަހެއްހާ ދުވަސް ފަހުން ޖިއާ ދަންޖެހިފައިވަނީ އަމިއްލައަށް ނޫން ކަމަށާއި އެއީ އެހެން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް އޭނާގެ މޫނާއި ކަރުގައިވާ ނިޝާންތަކުން ހެކިދޭ ކަމަށް އިނގިރޭސި ވިލާތުގެ ފޮރެންސިކް އެކްސްޕާޓަކު ތައްޔާރުކޮށްފައިވާ ރިޕޯޓަކުންވަނީ ހާމަވެފައެވެ. ފޮރެންސިކް ޓީމުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޖިއާގެ އަނގަމަތީގައި ހުރި ނިޝާނާއި ކަރުގެ ނިޝާންތައް އޭނާ އަމިއްލައަށް މަރުވި ނަމަ ހުންނާނީ އެގޮތަކަށް ނޫންކަމަށާއި އިންޑިއާގެ ފޮރެންސިކް އެކްސްޕާޓުން އަމިއްލައަށް މަރުވުން ނޫން އެހެން ތިއަރީއެއް އޮވެދާނެކަމަށް ބަލައި އެގޮތަށް ތަހުގީގުކޮށްފައި ނުވާތީ ސުވާލު އުފެދޭކަމަށް ވަނީ ބުނެފައެވެ.
މި މައްސަލައިގެ ތަހުގީގަށް ފަހު 2018 ވަނަ އަހަރު ސޫރަޖްގެ މައްޗަށް ދައުވާކޮށްފައިވާއިރު ސޫރަޖްގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު އަދިތިޔާ ޕަންޗޯޅީ ބުނީ ޖިއާގެ މަންމަ ބޭނުންވަނީ މައްސަލަ ދަންމާލަން ކަމަށެވެ.
ދިތިޔާ ޕަންޗޯލީ މިހެން ބުނެފައިވާއިރު އޭނާގެ މައްޗަށްވެސް ވަނީ ކަންގަނާ ރަނާވަތު ރޭޕްކުރި ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ.