English Edition
Dhivehi Edition

ޑިޕްރެޝަން އަކީ ނަފްސާނީގޮތުން ކުރިމަތިވާ ބައްޔެއްކަމަށާއި އެއީ އީމާންކަން ދަށްވުމުގެ ސަބަބުން ނުވަތަ އީމާންކަން ބަލިކަށިވުމުގެ ސަބަބުން މެދުވެރިވާ ކަމެއް ނޫންކަމަށް ޝެއިހް މުހައްމަދު ޝާފިއު ވިދާޅުވެއްޖެއެވެ.

ޑިޕްރެޝަންއަކީ އީމާންތެރިކަން ނެތުމުން ދިމާވާ މައްސަލައެއް ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންދާ މި ދަނޑިވަޅު ޝެއިހް ޝާފިއު ވިދާޅުވީއީމާންކަން ވަރުގަދަ މީހަކަށްވެސް ޑިޕްރެޝަންގެ ބަލި ކުރިމަތިވެދާނެކަމަށާއި ހުރިހާ ނަފްސާނީ ބަލިތަކަކީ ތިމާގެ އީމާންކަމާ ސީދާސީދާކޮށް ގުޅިފައިވާ ބަލިތަކެއް ނޫންކަމަށެވެ

އިތުރަށް ޝެއިހް ޝާފިއު ވިދާޅުވީ އީމާންކަން ހަރުދަނާކުރުމަކީ އެފަދަ ބަލިތަކާ ދުރުހެލިވުމަށް ކުރެވިދާނެ ކަމެއްކަމަށެވެ. އަދި އެފަދަ ބަލިތައް ޖެހިފައިވާ މީހުން އެފަދަ ބަލިތަކުން ޝިފާ ހޯދުމުގައިވެސް އީމާންކަން ވަރުގަދަ ކުރުމާއި، ދީނީ އަޅުކަންތަކަށް ސަމާލުކަން ދިނުމާއި، ކީރިތި ޤުރްއާން ގިނަގިނައިން ކިޔެވުމާއި، ދުޢާކުރުމާއި، ﷲ އަށް ޛިކްރުކުރުމަކީ ވަރަށް ރަނގަޅު ފަރުވާތައް ކަމުގައި ތަޖުރިބާ ކުރެވިފައިވާ ކަންކަމުގައި ޝެއިހް ޝާފިއުވަނީ ފާހަގަކުރައްވާފައެވެ.

ހިތާމަކުރުމުގެ ބައްޔަކީ ނުވަތަ ޑިޕްރެޝަންއަކީ ވަރަށް އާންމު ބައްޔެކެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ކޮންމެ 5 މީހުންގެ ތެރެއިން އެކަކީ އެމީހުންގެ ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ހިތާމަ ކުރުމުގެ ބަލި ތަހައްމަލުކޮށްފައިވާ މީހެކެވެ. އެކި މީހުންނަށް މިބަލި ކުރިމަތިވަނީ އެކި މިންވަރަށެވެ. މިއީ ދިވެހިންގެ ތެރޭގައި ވެސް އާންމުވަމުން އަންނަ ނަފްސާނީ ބައްޔެކެވެ. ހިތާމަ ކުރުމުގެ ބައްޔަކީ ދިގުދެމިގެންދާ ކަމަކަށްވެދާނެ އެވެ. ނޫނީ އައިސް، ގޮސްވާ ކަމަކަށް ވެސް ވެދާނެ އެވެ. މިއީ ބައެއް ފަހަރު އޭގެ ސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރާ ބައްޔެކެވެ. ބައެއް ފަހަރު ހިތާމަކުރުމުގެ ބަލި ކުރިމަތިވި ސަބަބު އެނގިދާނެއެވެ. އަނެއްބައި ފަހަރު މި ބަލި ކުރިމަތިވީ ކީއްވެގެންކަން ނޭނގިދާނެއެވެ. ހިތާމަކުރުމުގެ ބަލި ދިމާވާ ހަގީގީ ސަބަބު އަދި ހޯދިފައެއް ނުވެއެވެ.

ހިތާމަކުރުމުގެ ބަލި ހުންނަ މީހުންނަށް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅުމަށް ބާރު އެޅުމުގެ އިތުރުން އެމީހުންނާއި އެކު ވަގުތުތައް ހޭދަކޮށް، އެމީހުން ދައްކާ ވާހަތައް އަޑުއަހައި، އެމީހުންގެ ކިބައިގައިހުރި ކަންކަން ދެނެގަނެ ގަތުމަކީ މުހިއްމު ކަމެކެވެ.އަދި ކޮންމެ ދުވަހަކު އާދަކޮށް ކުރަމުން އައި ކަންތައްތައް ކުރުމަށް ހިތްވަރު ދެވިދީ އެއީ އެފަދަ ބަލިމީހަކަށް އެހީތެރިކަން ލިބޭނެ ކަމެއްކަން ވިސްނައިދެވިދާނެ އެވެ.