ހިތާމަކުރުމުގެ ބައްޔަކީ ވަރަށް އާންމު ބައްޔެކެވެ.ދިރާސާ ތަކުން ދައްކާ ގޮތުގައި ކޮންމެ 5 މީހުންގެ ތެރެއިން އެކަކީ އެމީހުންގެ ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ހިތާމަ ކުރުމުގެ ބަލި ތަހައްމަލުކޮށްފައިވާ މީހެކެވެ. އެކިމީހުންނަށް މިބަލި ކުރިމަތިވަނީ އެކި މިންވަރަށެވެ. މިއީ ދިވެހިންގެ ތެރޭގައި ވެސް އާންމުވަމުން އަންނަ ނަފްސާނީ ބައްޔެކެވެ. ހިތާމަ ކުރުމުގެ ބައްޔަކީ ދިގުދެމިގެންދާ ކަމަކަށްވެދާނެ އެވެ. ނޫނީ އައިސް، ގޮސްވާ ކަމަކަށް ވެސް ވެދާނެ އެވެ. މިއީ ބައެއް ފަހަރު އޭގެ ސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރާ ބައްޔެކެވެ.
އަންހެނުންނަށް ހިތާމަކުރުމުގެ ބަލި ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކުރެވޭއިރު، އެންމެ ނުރައްކާތެރި މަރުހަލާގައި އަމިއްލައަށް މަރުވުމުގެ ޚިޔާލުތައް ކުރެވޭގޮތް ވެއެވެ. ކޮންމެ އަހަރަކު އެއްމިލިޔަން މީހުން އަމިއްލައަށް މަރުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ބައެއް ފަހަރު ހިތާމަކުރުމުގެ ބަލި ކުރިމަތިވި ސަބަބު އެނގިދާނެއެވެ. އަނެއްބައި ފަހަރު މި ބަލި ކުރިމަތިވީ ކީއްވެގެންކަން ނޭނގިދާނެއެވެ. ހިތާމަކުރުމުގެ ބަލި ދިމާވާ ހަގީގީ ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނަފުސާނީ އެހެން ބަލިތަކެކޭ އެއްފަދައިން ހިތާމަކުރުމުގެ ބަލި މެދުވެރިވުމަށް ދިމާވެދާނެ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. ހަށިގަނޑުގެ ހޯރމޯން އަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް ހިތާމަކުރުމުގެ ބަލި ކުރިމަތިވެދާނެ އެވެ. މިސާލަކަށް ވިހެއުމަށްފަހު ހިތާމަކުރުމުގެ ބަލި ކުރިމަތިވުން، ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވުމުން ހިތާމަކުރުމުގެ ބަލި ކުރިމަތިވަނީ ހޯރމޯން އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.
ހިތާމަކުރުމުގެ ބައްޔަކީ ކޮންމެ އުމުރެއްގައި ވެސް ދިމާވެދާނެ ކަމެކެވެ. ފިރިހެނުންނަށްވުރެ ގިނައިން އަންހެނުންނަށް މިބަލި ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ.
ބައެއް މީހުންގެ ޝަޚުޞިއްޔަތު ހުންނަގޮތުން މިސާލަކަށް އަމިއްލަ ނަފުސަށް އިތުބާރު ނުއޮންނަ، އަމިއްލަ ނަފުސަށް އިހުތިރާމު ނުކުރާ މީހުން، މާބޮޑަށް އަމިއްލަ ނަފުސުގެ މައްޗަށް ބަރޯސާވާ މީހުން ފަދަ މީހުންނަށް ހިތާމަކުރުމުގެ ބަލި ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. ޅަފަތުގައި މައިންބަފައިން މަރުވުން ނޫނީ މައިންބަފައިން ވަކިވުން ނުވަތަ އަނިޔާވެރި، ނޫނީ ކަންބޮޑުވާ ފަދަ ކަމެއް ދިމާވުމުން މިސާލަކަށް ޖިސްމާނީގޮތުން، ޖިންސީ އަނިޔާ އެއް ލިބުން، ގާތްތިމާގެ މީހަކު މަރުވުން، ގުޅުމަކަށް ބުރޫއެރުން، އަދި މާލީގޮތުން ދަތިވުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ހިތާމަކުރުމުގެ ބަލި ފެށުމަށް ދިމާވެދާނެ ކަންތައްތަކެވެ.
ދަރިޔަކުލިބުމުގެ އިތުރަށް އާއިލާގެ ތެރޭގައި މައްސަލަތައް ގިނަވެ، ހާސްވުމާއި، ފިކުރުކުރުމާއި، ހަމަނުޖެހުމުގައި ގިނަ ދުވަހު އުޅެންޖެހުމުގެ ސަބަބުން ދަތިތަކާ ހާސްކަމަށް ކެތްނުކުރެވި، ދިރިއުޅުމުގެ ފިއްތުންތަކާ، ތަކުލީފުތަކަށް ކެތްނުކުރެވޭ ދަރަޖައަކަށް ގޮސް އަދި ތިމާގެ ތަކުލީފްތައް ހިއްސާކޮށްލާނެ ރަހުމަތްތެރިންނާއި އެހީތެރިން ނެތި އެގޮތުގައި އެތައް ދުވަހެއް ހޭދަވުމުން ވެސް ހިތާމަކުރުމުގެ ބަލި ޖެހުމަށް މެދުވެރި ވެއެވެ.
ހިތާމަ ކުރުމުގެ ބަލި ޖެހިފައިވާކަމަށް ބެލެވޭނީ ބަލީގެ އަލާމާތްތަކުގެ ތެރެއިން ގިނަ އަލާމާތްތަކެއް މީހެއްގެ ކިބައިން ފެނި، ފިލައިގެން ނުގޮސް، 2 ހަފްތާއަށްވުރެ ގިނަވެފައިވާނަމަ އެވެ. ހިތާމަކުރުމުގެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި މޮޅިވެރިވުން، ދެރަވެ ރޮވުން، މުސްތަގުބަލްގެ މުހިއްމުކަން ކުޑަވުން، އެކަހެރިވުން އިޚްތިޔާރުކުރުން އަދި މަރުވުމުގެ ޚިޔާލުތައް ގިނަވުން ހިމެނެއެވެ. މިބައްޔާއި ގުޅިގެން ދިމާވެދާނެ ނޭދެވޭ ކަންތައްތައް ތަކުގެ ތެރޭގައި ބަނގުރާ ބޭނުންކުރުމާއި، މަސްތުވާތަކެތި ބޭނުންކުރަން ފެށުން، އަދި ހާސްވެކަންބޮޑުވެ، ނުއެކަށޭނަ ބިރުގަނެ އަދި ބޭރުތެރެއަށް ނިކުމެއުޅެން ބިރުގަނެ ގުޅުންތަކަށް ބުރޫއެރުން ހިމެނެއެވެ.
ހިތާމަކުރުމުގެ ބައްޔަށް ވަރަށް ގިނަ ބާވަތްތަކުގެ ފަރުވާ ދެވެއެވެ. ތަފާތު މީހުންނާއި ގުޅޭނީ ތަފާތު ފަރުވާއެވެ. މަހަށްވުރެ ގިނަ ދުވަހު، ޑިޕްރެޝަންގައި އުޅެފައިވާނަމަ، ނޫނީ ޑިޕްރެޝަން ކުރިމަތިވެފައިވާ މިންވަރު މަތިނަމަ، ނަފްސާނީ ބަލީގެ ޚާއްޞަ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުން ބުއްދިވެރި އެވެ. ބޭހާނުލައި ދެވޭ ފަރުވާ ތަކުގެ ތެރެއިން ކައުންސެލިންގ އިން ތަމްރީނުލިބިފައިވާ ކައުންސެލަރުންނަށް ހިތާމަކުރުމުގެ ބަލި ކުޑަކޮށް ތަހައްމަލުކުރާ މީހުންނަށް ކައުންސެލިންގ ދެވިދާނެ އެވެ.
ހިތާމަކުރުމުގެ ބައްޔަކީ ވަރަށް ގިނަ ފަހަރު އޭގެ ޒާތުގައި މަޑުމަޑުން ފިލައި ގޮސްދާނެ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު އެތައް މަހަކަށް ހިތާމަކުރުމުގެ ބަލި ދިގުދެމިގެންދިއުމަކީ ވެދާނެ ގޮތެކެވެ. ވަރަށް މަދުމީހަކު ހިތާމަ ކުރުމުގެ ބަލީގެ ސަބަބުން އަމިއްލައަށް މަރުވެދިއުމަކީ ވެދާނެ ގޮތެކެވެ. އެހެންކަމުން ހިތާމަކުރުމުގެ ބަލި ހުންނަ މީހުންނާއެކު ވަގުތުތައް ހޭދަކޮށް، އެމީހުން ދައްކާ ވާހަތައް އަޑުއަހައި، އެމީހުންގެ ކިބައިގައިހުރި ކަންކަން ދެނެގަނެވިދާނެ އެވެ. ކޮންމެ ދުވަހަކު އާދަކޮށް ކުރަމުން އައި ކަންތައްތައް ކުރުމަށް ހިތްވަރު ދެވިދާނެއެވެ. އެއީ އެފަދަ ބަލިމީހަކަށް އެހީތެރިކަން ލިބޭނެ ކަމެއްކަން ވިސްނައިދެވިދާނެ އެވެ.