English Edition
Dhivehi Edition

ހިތާމަކުރުމުގެ ބަލި ނުވަތަ ޑިޕްރެޝަން އަކީ ވަރަށް އާންމު ބައްޔެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ 5 މީހުންގެ ތެރެއިން އެކަކީ އެމީހުންގެ ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ޑިޕްރެޝަން ތަހައްމަލުކޮށްފައިވާ މީހެކެވެ.

ޑިޕްރެޝަން އަކީ ދިގުދެމިގެންދާ ކަމަކަށްވެދާނެ އެވެ. ނޫނީ އައިސް، ގޮސްވާ ކަމަކަށް ވެސް ވެދާނެ އެވެ.މިއީ ބައެއް ފަހަރު އޭގެ ސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރާ ބައްޔެކެވެ. ބައެއް މީހުން ދެކޭ ގޮތުން ޑިޕްރެޝަން ހުންނަ މީހަކާއި އެކު ދިރިއުޅުމަކީ ވަރަށް އުދަގޫ ކަމެކެވެ. އެހެންނަމަވެސް މީ މުޅިން ކުށް ހީއެކެވެ. ތިމާގެ ހަޔާތުގެ ބައިވެރިޔާ އަކީ ޑިޕްރެޝަން ހުންނަ މީހެއް ކަމުގައިވާނަމަ އެންމެ ފުރަތަމަ އެ ބަލީގެ އަލާމަތްތައް ދެނެގަނެ އެކަންތައްތަކަށް ފަރުވާތެރި ވެވިއްޖެނަމަ މިއީ އެ ބަލިން މީހާ ސަލާމަތްވުމަށް އެޅިގެންދާނެ ވަރަށް ބޮޑު ފިޔަވަޅެކެވެ. މި ގޮތުން ހަޔާތުގެ ބައިވެރިޔާ އަކީ ޑިޕްރެޝަން ހުންނަ މީހެއް ކަން ދެނެގަންނާނެ ގޮތްތަކަކީ:

  • ކޮންމެ ކަމެއްގައިވެސް އަބަދު އެންމެ ނުބައި ގޮތަށް ވިސްނުން. އަދި ރަގަޅު ކަންކަން ފާހަގަކުރެވުމުގެ ބަދަލުގައި އަބަދުވެސް ނުބައި ކަންތައްތައް ފާހަގަކުރުން
  • ދިރިއުޅުމުގައި ދުވަހަކުވެސް ރަގަޅު ގޮތެއް ނުވާނެ ކަމަށް ދެކުން. އަދި ހަޔާތުގެ ބައިވެރިޔާއާއި ތިމާ އެކަށީގެން ނުވާކަމުގައި ދެކުން
  • އަވަސް އަވަހަށް މިޒާޖު ބަދަލުވުން.
  • ތިމާގެ ސަބަބުން ބައިވެރިޔާގެ ދިރިއުޅުން ހަލާކުވެދާނެކަމުގައި ދެކި ދުރުވާން މަސައްކަތްކުރުން
  • ކަންތައްތަކާ މާބޮޑަށް ހިތާމަކުރުމާއި، ތިމާއަކީ އެއްވެސް މީހެއްނޫންކަމަށް އިހްސާސްވުން.
  • އަބަދުވެސް އެކަހެރިކޮށް އުޅެން ބޭނުންވުމާއި ދިރިއުޅުމުގައި ދިމާވާ ކަންތައްތައް ހިއްސާކުރަން ބޭނުން ނުވުން
  • ތިމާއަކީ އެހެން މީހުންނަށް ބުރައެއް ކަމުގައި ދެކި މީހުންނާއި ދުރުން އުޅުން
  • ގޯސްކޮށް ކަމެއް ހިނގުމުންވެސް އެކަމަކީ ތިމާގެ ސަބަބުން ވީކަމެއްކަމަށްދެކެ މާބޮޑަށްވިސްނުން
  • އެހެންމީހުންނާ ދޭތެރޭގައި އެއްގޮތަކަށްވެސް އަޅާނުލުން
  • ކަންކަމުގައި ފަރުވާކުޑަވުން
  • މުސްތަގުބަލްގެ މުހިއްމުކަން ކުޑަވުން
  • ބުނެވޭ ބަހެއްގެ ސަބަބުން މާ އަވަހަށް ހިތުގައި ޖެހުން.
  • ގަސްތަކާނުލާވެސް އެހެން މީހުންގެ ހިތުގައި ޖެހޭ ކަންތައްތައް ކުރެވުން. އަދި މީހާ ހަމައަކަށް އެޅުމުން އަމިއްލައަށް އެކަމާ ދެރަވެގެން އުޅުން.
  • ކަންކަން ހަނދާން ކުރަން އުދަގޫވުން
  • މަރުވުމުގެ ޚިޔާލުތައް ގިނަވުން

    ޑިޕްރެޝަން އިން ސަލާމަތްވުމަކީ އެއް ދުވަހުން ނުވަތަ ދެ ދުވަހުން ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަަށް ވަގުތާއި، އެހެން މީހުންގެ އަޅާލުމާއި އެހީތެރިކަމާއި ލޯބި ބޭނުންވެއެވެ. މިބައްޔަށް ފަރުވާކުރުމުގައި މި ބަލި ކުރިމަތިވީ ކީއްވެގެންކަން އެނގުމާއި، ނަފްސާނީގޮތުން އައިސްފައިވާ ބަދަލުތަކަށް ސަމާލުކަން ދިނުން މުހިއްމެވެ.