ތުއްތު ދަރިފުޅުގެ ހުރިހާ ހަރަކާތްތަކާއި މުހިއްމު ވަގުތުތައް ހަނދާނެއްގެ ގޮތުގައި ފަހަށް ރައްކާކުރުމަކީ މައިންބަފައިން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ޓެކްނޮލަޖީގެ ގޮތުން އެހާ ގިނަ ވަސީލަތްތަކެއްނެތް ޒަމާނުގައިވެސް ކެމެރާއިން ނަގާ ފޮޓޯތައް އަލްބަމްގައި ފޮރުވަނީ ދަރިފުޅު ބޮޑުވަމުން އައި ގޮތުގެ ފޮނި ހަނދާންތައް ރައްކާކުރުމުގެ ބޭނުމުގައެވެ.
ދުނިޔެ ކުރިއަރާއި ތަރައްޤީވަމުން ދިޔަ ވަރަކަށް އަލްބަމްގައި އާއިލާ މީހުންނާއި ގާތް ފަރާތްތަކަށް އެކަނި ފެންނަ ގޮތަށް ރައްކާކުރަމުންދިޔަ ފޮޓޯތައް މުޅި ދުނިޔޭގެ ކޮންމެ ތަނެއްގައި އުޅޭ މީހަކަށްވެސް ފެންނަ އެއްޗަކަށް މިވަނީ ވެފައެވެ. ދަރިފުޅުގެ އުފާވެރި ވަގުތުތައް ފޯނުގެ ކެމެރާގައި އެކަނި ރައްކާކޮށްލުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާކުރުމަކީ މިހާރު ވަރަށް އާންމުކަމެކެވެ. މީގެ އިތުރުން ކުޑަކުދިންގެ ނަމުގައި ސޯޝަލްމީޑިއާގައި ބޭނުންކުރާ އެކައުންޓްތައް ގިނަވެފައިވާއިރު ފަހުގެ ދިރާސާއަކުން ދެއްކި ގޮތުން ދެ އަހަރު ނުވާ %81 ކުދިންގެ ނަމުގައި އެކުދިންގެ މައިންބަފައިން ވަނީ ސޯޝަލް މީޑިއާ އެކައުންޓްތައް ހަދާފައެވެ. އެހެންނަމަވެސް ހަގީގަތުގައި ކުދިންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު މައިންބަފައިންނާއި ކުދިންނަށްވެސް ވަރަށް ބޮޑަށް ކުރާ ކަމެއްކަން ޔަގީނެވެ.
- މައިންބަފައިން ހާސްވެ ކަންބޮޑުވުން(ޑިޕްރެޝަން): އެމެރިކާގެ އޮހާޔޯ ޔުނިވަސިޓީ އިން ކޮށްފައިވާ ދިރާސާ އަކުން ދައްކާ ގޮތުގައި ތުއްތު ކުދިންގެ ފޮޓޯ ފޭސްބުކްގައި ޕޯސްޓް ކުރާ މަންމަ އިން ކަންބޮޑުވެ ހާސްވާ މިންވަރު އެފަދަ ފޮޓޯ ފޭސްބުކް ގައި ޕޯސްޓް ނުކުރާ މަންމައިންނަށް ވުރެ އިތުރެވެ. ތުއްތު ކުދިންގެ ފޮޓޯ ފޭސްބުކް ގައި ޕޯސްޓް ކުރުމަށް ފަހު އެފޮޓޯ އަށް ލިބޭ “ލައިކްސް” އާއި “ކޮމެންޓް” ތަކުގެ ސަބަބުން މަންމަ އިން ޑިޕްރެޝަނަށް ހުށަހެޅިގެންދާ ކަމަށް މި ދިރާސާގައިވަނީ ބުނެފައެވެ.
- ކުދިންނަށް ދެވޭ ސަމާލުކަން ކުޑަވުން: ކުޑަކުދިން މަޖާކަމެއް ކުރާ ވަގުތު، ނުވަތަ އާކަމެއް ކުރާ ވަގުތު ފޮޓޯ ނެގުމުގައި މައިންބަފައިން މަޝްއޫލުވެއްޖެނަމަ އެކުއްޖާއަށް ދެވޭ ސަމާލުކަން ކުޑަވެގެންދެއެވެ. އަދި ކުއްޖާގެ އެ ހަރަކާތުގެ އުފާވެރިކަން އަމިއްލައަށް އިހްސާސްކުރެވުމުގެ ބަދަލުގައި ރީތި ފޮޓޯ އެއް ނަގާލުމުގެ ޝައުގާއެކު ތިމާގެ މުޅި ‘ފޯކަސް’ ފޮޓޯއަށް ހުއްޓޭތަން އާދެއެވެ.
- ކުދިން ވަގަށް ނެގުން: މިއީ ރާއްޖޭގައި އާންމުކަމަކަށްނުވި ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުދިން ވަގަށް ނެގުން(ކިޑްނެޕްކުރުން)އާންމުވެފައިވާއިރު ސޯޝަލް މީޑިއާގައި ޕޯސްޓުކުރާ ފޮޓޯތަކުގެ ސަބަބުން ބައެއް ފަހަރު ކުދިންގެ ފުރާނައަށް ގެއްލުންވާ ފަދަ ހާދިސާތައްވެސް ދިމާވެފައި އެބަހުއްޓެވެ. މީޑިއާގައި ހިއްސާކުރާ ފޮޓޯ އާއި އެކު ކުދިންވަގަށް ނެގުމުގެ ‘ވިޔަފާރި’ ކުރާ ފަރާތްތަކަށް އެކުދިންގެ މައުލޫމާތު ހޯދުމަށް ފަސޭހަވެގެން ދެއެވެ.
- އެހެންމީހުން ދެކޭ ގޮތާއިމެދު ވިސްނުން: އުމުރުން ކިތަންމެ ހަގު ނަމަވެސް ސޯޝަލް މީޑިއާގައި ޕޯސްޓްކުރާ ފޮޓޯތަކުގެ ސަބަބުން، ތިމާއާއި ދޭތެރޭ އެހެން މީހުން ދެކޭ ގޮތާއި މެދު ކުދިން ވިސްނަން ފަށައެވެ. ސޯޝަލް މީޑިއާގައި އެހެން މީހުން ކުރާ ކޮމެންޓްތައް ބެލުމަށް ޝައުގުވެރިކަން އުފެދި އަމިއްލަ އަށް ބޭނުންވާ ކަންތައްތައް ހަނދާންނެތި އެހެން މީހުން ބޭނުންވާ ގޮތަށް ދިރިއުޅުމަށް ކުދިން ބޭނުންވެއެވެ
- ތަފާތުކުރުމާއި، ގަނާކުރުން: ސޯޝަލް މީޑިއާގައި ހިއްސާކުރާ ފޮޓޯއެއްގެ ސަބަބުން އެހެން މީހުންގެ މަލާމާތާއި، ތަފާތުކުރުންތައް ދަރިފުޅަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމަކީ ދުނިޔޭގެ މަޝްހޫރު ފަންނާނުންނަށްވެސް ކުރިމަތިވެފައިވާ ކަމަކަށްވާއިރު މިކަމުގެ އަސަރު ދަރިފުޅުގެ މުޅި އުމުރަށް ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.
- އެސްފީނާ ޖެހުން: އެސްފީނާގެ ވާހަކަތަކަކީ ފްލޯކުތަކެއް ކަމުގައި ހީވެފައި އޮތަސް މިއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އެސްފީނާއަކީ ތިމާ ހިތްއެދޭފަދަ އެއްޗެއް ނުވަތަ ތިމާ އަޖައިބުވާފަދަ އެއްޗެއް ނުވަތަ ކަމެއް ތިމާއަށް ފެންނަ ހިނދު، ނަފްސަށް ވެރިވާ ޙައިރާންކަމާއި، ނަޒަރު ސީދާވުމުގެ ތެރެއިން އަނެކާއަށް ތިމާގެ ނަފްސުގެ ވިހަ ފޯރުމެވެ. އަދި އޭގެ ސަބަބުން އަނެކާ ބަލިވުން ނުވަތަ އަނެކާގެ ކިބައިގައިވާ ނިޢުމަތް ފިލާ ދިއުންފަދަ ކަމެއް މެދުވެރިވުމެވެ. އެހެންކަމުން ވިސްނާލުމެއް ނެތި ސޯޝަލް މީޑިއާގައި ހިއްސާކޮށްލެވޭ އާއިލާ އާއި ދަރިންގެ އުފާވެރި ފޮޓޯތަކަށް އެހެން މީހެއްގެ ވިހަ ނަޒަރު ފޯރުމަކީ ވަރަށް ގާތްކަމެކެވެ.