ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޮއިކޮޓްކޮށްފައިވާ ކަން ދޭހަވާފަދަ މޭރުމަކުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަކީ ދޮގު ވާހަކަތަކެއްކަމަށް އެޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތަކަށް ފަހު މަޖިލީހުގެ ރައީސް އަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، މިއަދުގެ މަޖިލީސް ޖަލްސާ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އިން ބޮއިކޮޓްކޮށްފައިވާއިރު މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެވަގުތު ޖަލްސާއަށް ހާޒިވެވަޑައިގެން ތިއްބެވީ 23 މެންބަރުން ކަމަށެވެ. އަދި ސައިގެ ވަގުތަށް ޖަލްސާ މެދު ކަނޑާލުމުގެ ކުރިން ރައީސް ނަޝީދު ވަނީ ޖޭޕީގެ އެއްވެސް މެންބަރަކު ޖަލްސާއަށް ހާޒިރުވެފައިނުވާ ކަން ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެެވެ. ” “އަޅުގަނޑު ތަޅުމަށް ބަލާލާއިރު އަދި މިއަދުގެ ހާޒިރީއަށް ބަލާލާއިރު ޖުމްހޫރީ ޕާޓީ ބޮއިކޮޓްގައި ތިބި ކަމަށް އެބަފާހަގަވޭ،”ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ މި ވާހަކަތަކާއި ގުޅިގެން އަލީ ސޯލިހް ވިދާޅުވީ އެ ވާހަކަތައް ޖޭޕީގެ ޕީޖީ ގްރޫޕް މެންބަރުން ދޮގު ކުރައްވާކަމަށެވެ.
މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް މެމްބަރުން ތިއްބަވާއިރު ޖޭޕީގެ މެމްބަރުންގެ ތެރޭގައި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު،ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް،، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހިމެނެއެވެ،