English Edition
Dhivehi Edition

އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ގައި އެންޓިބޮޑީ ޓެސްޓް ހެދުމަށް ބޭނުންވާ މެޝިނާއި ކާރޓްރިޖް ލިބިފައިވާ ކަމަށާއި، ސަރުކާރުން ހުއްދަ ދެއްވިހާ އަވަހަކަށް އެ ހޮސްޕިޓަލުން އެންޓިބޮޑީ ޓެސްޓް ހަދަން ފަށާނެކަމަށް އައިއެމްޑީސީން ބުނެފިއެވެ،

އެ ހޮސްޕިޓަލުން ބުނީ އެންޓިބޮޑީ ޓެސްޓް ގެ ތެރޭގައި ކޮވިޑް19 އެންޓިބޮޑީ ޓެސްޓްވެސް ހެދޭނެކަމަށާއި މި މެޝިނުން ގަޑިއަކު 36 ޓެސްޓް ހެދޭނެކަމަށެވެ. އަދި މި މެޝިނުން ހަދާ ޓެސްޓުތަކުގެ ނަތީޖާ އެންމެ 10 މިނިޓްތެރޭގައި ލިބޭނެކަމަށްވެސް ހޮސްޕިޓަލުންވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އައިއެމްޑީސީ އިން ބުނީ އެ ހޮސްޕިޓަލްގައި ބޭނުންކުރަން ނިންމާފައިވާ މެޝިނަކީ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގައިވެސް ގާއިމްކުރެވިފައިވާ ފަދަ މެޝިނެއްކަމަށެވެ.

މިކަމާއި ގުޅޭ މައުލޫމާތު ދެއްވަމުން އައިއެމްޑީސީގެ މެނޭޖަރ އާމިނަތު ގުލްފިޝާމް ވިދާޅުވީ ސަރުކާރުން ހުއްދަ ލިބުނުހާ އަވަހަކަށް ޓެސްޓްކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި އައްޑޫ ސިޓީގެ ރައްޔަތުންނަށް ހެޔޮ އަގެއްގައި މި ޓެސްޓް ހެދޭނެ އިންތިޒާމެއް ހޮސްޕިޓަލުން ހަމަޖައްސާނެކަމަށްވެސް ގުލްފިޝާމް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުން މިހާރުވެސް މި ޓެސްޓްތައް ހެދުމަށް ތައްޔާރުވެފައިވާކަން ފާހަގަކުރަމުން ގުލްފިޝާމް ވިދާޅުވީ ޓެސްޓް ހަދަން ބޭނުންވާ ފަރާތްތަކުން އައިއެމްޑީސީ އަށް ގުޅުއްވާ އެ މައުލޫމާތު ހިއްސާކުރުމުން ދެން އަމަލުކުރަންވީ ގޮތް ހޮސްޕިޓަލުން އަންގާނެ ކަަމަށެވެ.

“އެޗްޕީއޭ އިން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަތުރުކޮށްފައިވާ މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެންމެ ފުރަތަމަ އައިއެމްޑީސީ އަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރުމުން ދެން އަމަލުކުރަންވާ ގޮތް ހޮސްޕިޓަލުން އަންގާނެ” ގުލްފިޝާމް ވިދާޅުވިއެވެ

އިތުރަށް ގުލްފިޝާމް ވިދާޅުވީ އައްޑޫ އިން ޓެސްޓްކުރެވުނު ނަމަވެސް އެ ހޮސްޕިޓަލުން މި ބައްޔަށް ފަރުވާދެވެން ނެތްކަމަށާއި އެހެންކަމުން ޓެސްޓްކުރާ އެއްވެސް ފަރާތެއް ޕޮޒިޓިވްވެއްޖެ ނަމަ އެކަމެއް ކަމާއި ބެހޭ އިދާރާތަކަށް އަންގައި އެ މައުލޫމާތު އިދާރާތަކާއި ހިއްސާކުރާނެކަމަށެވެ.

ކޮވިޑް 19 ގެ ޓެސްޓު ކުރުމުގެ ހުއްދައަށް އައިއެމްޑީސީން އެދިފައިވާއިރު އައްޑޫސިޓީ ފޭދޫގައި އަމިއްލަ ފަރާތަކުން ހިންގާ އެއިމްސް ކްލިނިކުންވެސް ވަނީ މިކަމުގެ ހުއްދައަށް އެދިފައެވެ. އެހެންނަމަވެސް އެއިމްސް އިން އިއްޔެ ވަނީ ހެލްތް މިނިސްޓްރީއިން އަނގަ ބަހުން އެ ހުއްދަ އެއިމްސް އަށް ނުދޭން ނިންމާފައިވާ ކަން އަންގާފައިކަމަށް ބުނެފައެވެ.

މިކަމުގެ ހުއްދަ އެއިމްސް އަށް ނުދިން ސަބަބާމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދާއިރު މިހާރުވެސް އަމިއްލަ ފަރާތަކުން މާލޭގައި ހިންގާ އޭޑީކޭ ހޮސްޕިޓަލުގައި ކޮވިޑް 19 އަށް ޓެސްޓު ކުރުން ކުރިއަށް ދެއެވެ.