English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގައި ހިންގަމުން އަންނަ އައިއެމްޑީސީ ގައި ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލްގެ ޑޮކްޓަރުން، ބަލިމީހުންނަށް ފަރުވާދޭން ފަށާގޮތަށް ދެފަރާތުން އެކަމަށް މަޝްވަރާ ކޮށް އެއްބަސްވެއްޖެއެވެ.

މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިމްޑީއިން ހިންގަމުންދާ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަކީލާ ވިދާޅުވީ، ނަވަލޯކާ ހޮސްޕިޓަލަކީ ދިވެހިން ވަރަށް ގިނައިން ބޭސް ފަރުވާއަށްދާ ހޮސްޕިޓަލެއް ކަމަށާއި އައްޑޫ އައިއެމްޑިސީގައި ނަވަލޯކާ ހޮސްޕިޓަލުގެ ޑޮކްޓަރުން ފަރުވާދޭން ފެށުމުން ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

ނަވަލޯކާ ހޮސްޕިޓަލާއި އައިއެމްޑީސީ އާ ކުރެވުނު މި އެގްރީމެންޓްގެ ދަށުން އެ ހޮސްޕިޓަލްގެ ސްޕެޝަލިސްޓުން ކަނޑައެޅޭ ދުވަސްތަކުގައި އައިއެމްޑީސީގައި ފަރުވާދޭނެއެވެ. އަދިކޮންސަލްޓަންޓުންނަށް އައިއެމްޑީސީގައި ކޮންސަލްޓް ނުކުރޭވޭ ބައެއްކަހަލަ ބަލިތައް ހުރިނަމަ އެކަން ހައްލު ކުރުމަށްޓަކައި ނަވަލޯކާ ހޮސްޕިޓަލަށް ފޮނުވާނެ ކަމަށް ވެސް ޝަކީލާ ވިދާޅުވިއެވެ. މިއެއްބަސް ވުމާއެކު މިހާރު އައްޑޫގައި ހިދުމަތް ދެވެން ނެތް ކަންތައްތަކަށް އިސްކަން ދެއްވާނެކަމަށް ވެސް ޝަކީލާ ވިދާޅުވިއެވެ.

މިދެ ހޮޮސްޕިޓަލްގެ އެއްބަސްވުމާ ގުޅިގެންް އައިއެމްޑީސީގައި ސުޕަ ސްޕެޝަލިސްޓުން، ނިއުރޯސާޖަނުން، ކާޑިއޮލޮޖިސްޓުން އަދި އީއެންޓީ ޑޮކްޓަރުން ފަރުވާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

އައިއެމްޑީސީ ހޮސްޕިޓަލުގެ ހިދުމަތް 2008 ވަނަ އަހަރު ފުރަތަމަ ފަށާފައިވަނީ ކްލިނިކެއްގެ ގޮތުގައެވެ. ނަމަވެސް ހިދުމަތުގެ ފެންވަރު ރަގަޅުކޮށް މިހާރު އެތަނަކީ 30 އެނދުގެ ހޮސްޕިޓަލަކަށް ވަނީ ހަދާފައެވެ.