ރައްޔަތުންގެ މަޖިލީހުގައި ހިގައިދިޔަ ހަމަނުޖެހުންތަކުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ތަައްޔާރުވަމުން އަންނަ ކަމަށް ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން މިދިޔަ ހޯމަ ދުވަހުގެ ރޭ މެންދަމު ބޭއްވި ޖަލްސާއަކީ ގާނޫނާއި ހިލާފަށް ބާއްވާ ޖަލްސާއެއް ކަމަށް ވިދާޅުވެ މެމްބަރު އަހްމަދު ޝިޔާމް ވާހަކަދައްކަވަން ފެއްޓެވުމުން، ރިޔާސަތުން ނަން އިއްވުމުންވެސް ޝިޔާމް ބޭރަށް ނިކުމެވަޑައިނުގެން، ތަޅުމުގައި މަޑުކުރެއްވުމުން އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ ގަދަކަމުން ޝިޔާމް ބޭރަށް ނެރުއްވާފައެވެ.
މިކަމާއި ގުޅިގެން ޝިޔާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މެމްބަރުން އޭނާގެ ގަޔަށް އަތްލައި، އޭނާ ނެރުމުގެ ތެރޭގައި އޭނާގެ މައި ބަދައިގެ ތިރީ ބަދަ އެތެރެއަށް ޖެހި އަދި ބަދައިގައި ރެނދުލުމުގެ އިތުރުން މޭކަށިގަނޑަށް ވެސް އަނިޔާ ލިބިފައިވާ ކަމަށް ޓެސްޓްތަކުން ހާމަވާކަމަށެވެ. އެހެންކަމުން ހިނގާ ބިގާވެ އުޅުމަށް މިހާރު ދަތިވެ އިތުރު ސިއްހީ މައްސަލަތަކެއް ދިމާވަމުންދާކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.