English Edition
Dhivehi Edition

އައްޑޫ ސިޓީގެ ހުޅުދޫ މީދޫ އަކީ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ދެ ރަށަށްވީ ހިނދު އަބަދުވެސް މި ދެ ރަށުގެ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް އުދަގުލަކަށްވީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ނެތުމުގެ ސަބަބުން ސިޓީގެ އެހެން ރަށްތަކަށް ޒަރޫރީ ބޭނުންތަކަށްވެސް ކުރަންޖެހޭ ދަތުރު ކުރުމުގެ އުދަގުލެވެ. ރަށުގެ ސިއްހީ މަރުކަޒުން ޓެސްޓު ހެދެން ނެތުމުގެ ސަބަބުންނާއި އަދިވެސް ގިނަ ސަބަބުތަކާއެކު އަބަދުވެސް ސިއްހީ އެކި އެކި ބޭނުންތަކަށް ގިނަ ތަކުލީފްތަކާއި އެކު ދަތުރުކުރަމުން ދިޔަ މީހުންގެ މި އުނދަގޫ ދަތުރުތަކަށް ނިމުމެއް އައީ 2015 ވަނަ އަހަރު ރަނގަޅު އިންތިޒާމެއްގެ ދަށުން އެމްޕީއެލް އިން ފެށި ފެރީ ނިޒާމާއެކުގައެވެ. އެމްޕީއެލް އިން އައްޑޫ ސިޓީގައި ފެށި ފެރީ ހިދުމަތްވެގެން ދިޔައީ މި ދެ ރަށުގެ މީހުން ރަށު ބަންދުވެފައި އޮތް އޮތުމަށް ނިމުމެއް ގެނަސް ފުރިހަމަ އިންތިޒާމްތަކާއެކު ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގެ ހިދުމަތްތަކެއް ލިބިގެން ދިޔަ ކަމަކަށެވެ.

ކޮވިޑް-19 އާއި އެކު އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ގިނަ ފިޔަވަޅުތަކުގެ ތެރޭގައި ފެރީ ދަތުރުތައް ހުއްޓާލުން ވެގެން ދިޔައީ މި ދެރަށުގެ ރައްޔިތުންނަށްވެސް ލިބުނު ބޮޑު ދެރައެކެވެ. އެހެންނަމަވެސް އެ ވަގުތު ހުރިހާ ރައްޔިތުންވެސް ވަގުތާއި ހާލަަތަށް ވިސްނައި، ސަރުކާރުގެ އެންގުންތަކަށް ބޯލެނބީ އެހެން ގޮތެއް ނެތުމުންނެވެ. ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމަށްޓަކައި ބައެއް މީހުން ކުއްޔަށް ލޯންޗްތައް ހިފައިގެން ދިޔަ ނަމަވެސް އެ ފަދަ ބޮޑު ޚަރަދެއް ކުރެވެން ނެތް ގިނަ ބަޔަކު ތިބީ ވަގުތާއި ހާލަތުގެ ސަބަބުން ‘ޝުކުރު’ ކޮށްލައިގެންނެވެ. މާބަނޑު މީހުންނާއި ޑޮކްޓަރަށް ދައްކަން ބޭނުންވެފައި ތިބި އެތައް ބަޔަކު ރަށު ބަންދުވެގެން ތިބީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު ކޮންމެ ހަފްތާއަކު ދެ ދުވަހު ހުޅުމީދޫ އިން ފޭދޫ އަށް ފެރީ ބޭއްވުމަށް ނިންމި ނިންމުންވެގެން ދިޔައީ ގިނަ ބައެއްގެ އިންތިޒާރެއްގެ ނިމުން އައި ކަމަކަށެވެ. އެހެންނަމަވެސް ދެން ކުރިމަތިލާންޖެހުނީ އެއަށްވުރެ މާ ހިތްދަތި، ނިކަމެތިކަމަކާއެވެ. މި ހަފްތާގެ ހޯމަ ދުވަހު އެކިއެކި ޒަރޫރީ ބޭނުންތަކަށް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދަތުރުކުރުމަށް 200 އަށްވުރެ ގިނަ މީހުން ނަން ނޯޓްކުރިއެވެ. ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށްފަހު ބާއްވަން ނިންމި މި ފެރީއަށް ނަން ނޯޓު ކުރި މީހުންނަށް ބޮޑު މާޔޫސްކަމެއް ލިބިގެންދިޔައީ އެސްއެސްޑީގައި ނޯޓްކުރި މީހުންގެ ތެރެއިން ދަތުރުކުރެވޭނީ ހަމައެކަނި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އަށް ޑޮކްޓަރަށް ދެއްކުމަށް ނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި އެމަރޖަންސީ އޮޕަރޭޓިންގ ސެންޓަރ (އީއޯސީ) އެންގުމުންނެވެ. 02 ފެރީ ބޭއްވުމަށް ނިންމި އިރު އީއޯސީ އިން ހިތަދޫއަށް ދެވޭނެ މީހުން ނިންމާއި އަންގަންދެން އަމިއްލަ ކްލިނިކްތަކަށް ޑޮކްޓަރަށް ދައްކަންދާ މީހުންނާއި އެހެންމީހުން ޖެހުނީ އީއޯސީގެ ބަހެއް ލިބެންދެން އެރޭ ދަންވަރު ވަންދެން ހޭލާ ތިބޭށެވެ.

“މި ދެ ރަށުން ޒަރޫރީ ބޭނުންތަކުގައި ދަތުރުކުރަންޖެހޭ މީހުން ނިންމުމުގެ ބާރު މި އޮތީ އީއޯސީ އަށް. އަހަރެމެންނަށް ޑޮކްޓަރަށް ދައްކަން ދިއުމުގެ ހުއްދައެއް ދިނުމުގެ ބާރުވެސް މި ދެ ރަށު ކައުންސިލަށް ނެތް. ރޭގަނޑު ދަންވަންދެން ތިބެން މިޖެހެނީ އީއޯސީ ގެ މެސެޖްގެ އިންތިޒާރުގައި. އަހަރެމެންވެސް ގަބޫލުކުރަން މިއީ އުނދަގޫ ވަގުތެއްކަން. އެކަމަކު ރައްޔިތުންނަށް މި ޖައްސަނީ ވަކި ކުޑަ އުނދަގުލެއްތޯ؟ އީއޯސީއަށް ގުޅައިގެން ދެ ފަހަރަކު އެއް ޖަވާބެއް ނުދޭ. ފޯނުގައި ހުރި ލާރި ހުސްވާއިރުވެސް ބޭނުންވާ މައުލޫމާތެއް ނުލިބޭ. މިއީތޯ މިކަން ހިގަން ޖެހޭނެ ގޮތަކީ؟ ހުޅުދޫ މީދޫ ރައްޔިތުން ޒަރޫރީ ބޭނުންތައް ނުފުއްދާ ރަށު ބަންދުގައި މަރުވާން ދޫކޮށްލުމަކީ އޯގާތެރިކަން ތޯ؟” އެސްއެސްޑީގައި ނަން ނޯޓުކޮށް ނުފުރުނު މީހަކު ހިތްހަމަނުޖެހުމާއެކު ޝަކުވާތައް އޮއްސާލީ ދިމާވެފައިވާ މަޖުބޫރީ ހާލަތްތައް އޮޅުންފިލުވައިދެމުންނެވެ.

ހޯމަ ދުވަހު ދަތުރު ނުކުރެވުނު ގިނަ މީހުން އެތައް ޝަކުވާއެއްކޮށް އަނެއްކާވެސް އިންތިޒާރުކުރީ ބުރާސްފަތި ދުވަހު ދަތުރުކުރެވޭނެ ކަމުގެ އުއްމީދާއެކުގައެވެ. އަކަމަކު މިއަދުވެސް ކަންތައް ވެގެންދިޔައީ ކުރީ ދުވަހު ކަންތައްވެގެން ދިޔަ އުސޫލުންނެވެ. އީއޯސީ އިން ހުއްދަ ދިން މީހުން ފިޔަވައި އެހެން މީހުން މި ފަހަރުވެސް އެމީހުންގެ ޝަކުވާތައް އޮއްސާލަންޖެހުނީ ސޯޝަލް މީޑިއާއަށެވެ.

” ﷲގެ އިރާދަފުޅުން އަދި އައްޑޫގައި ކޮވިޑްއެއް ނެތް. އަނެއްކޮޅުން މި ދުވަސްކޮޅު އެއްވެސް މީހަކު ‘މަޖާ’ކުރާކަށް ދަތުރެއް ނުކުރާނެ، އެހެންކަމުން އައްޑޫ ސިޓީ ކައުންސިލުންވެސް ވެއްޖެ ނޫންތޯ ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދޭން. މި ދެރަށު މީހުންނަށް ހޮސްޕިޓަލުން ނަންބަރު ލިބޭ ދުވަހު ފެރީ އެއް ނޯވޭ. ފެރީ އޮންނަ ދުވަހު ނަންބަރެއް ނުލިބޭ. މިއީ ހަމަ ސީދާ މި ދެ ރަށުގެ މީހުންނަށް ކުރާ ބޮޑު ޖެއްސުމެއް. މިކަން ބަލާނެ މީހަކު ނެތް. ކްލިނިކްތަކަށް ދައްކަންދާން ބޭނުން ނަމަ މި ޖެހެނީ އަމިއްލަ އަށް ބޮޑު އަގުދީފައި ކުއްޔަށް އެއްޗެއް ނަގައިގެންދާން. އެހެން ނޫނީ ޕެނެޑޯލް ގުޅައެއް ކާލައިގެން ފުއްދާލަން. މިއީ ތޯ މިދެރަށު މީހުންނަށް ހައްގު މިންވަރަކީ. އެއްވެސް ތަނަކުން އެކަށީގެންވާ މައުލޫމާތެއް ދެނީ އެއް ނޫން.” ދަތުރުނުކުރެވުނު މީހަކު ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ.

ދަތުރު ފަތުރުކުރުމުގައި ޖެހުނު ތަކުލީފް ތަކާއެކު އިތުރު މީހަކު އޭނާގެ ތަޖްރިބާ ހިއްސާކުރަމުން ބުނީ ދަތުރުކުރަން ހުއްދަ އީއޯސީ އިން ލިބުނު ކަމުގެ މެސެޖާއި އެކު ޕޮލިސް ޕާމިޓް ނެގުމަށް އެދުނު ކަމަށެވެ. އެހެންނަމަވެސް ފުރާ ގަޑިޖެހުނު އިރުވެސް ‘އޯޓީޕީ’ ފިޔަވައި އެހެން އެއްވެސް މެސެޖެއް ނައުމުން ފޭދޫއަށް ދިޔައީ އެ މެސެޖް ދައްކައިގެންވެސް ހިތަދޫއަށް ދެވޭނެ ކަމުގެ އުއްމީދާ އެކުގައިކަމަށެވެ. ” ދެ ދުވަހު ނޯޓްކޮށްގެން މިއަދު މި ދެވުނީ. ފޭދޫއަށް ދިޔައީމަ ބުނި ޕޮލިސް ޕާމިޓް ނެތި ނުދެވޭނޭ. އަޅުގަނޑު އޯޓީޕީ ދައްކާފައި ބުނިން ރިކުއެސްޓްކޮށްފައޭ އޮތީ. އެކަމަކު ދުލެއް ނުކުރި. އެކިތަންތަނަށް ގުޅާގުޅާ ފޯނެއް ނުނެގި. އެންމެ ފަހުން ޗެކް ޕޯސްޓް ކައިރީ ހުރެގެން 8:45 ހާއިރު އަނެއްކާ ރިކުއެސްޓްކޮށްލައިފިން. 09:05 ވީއިރުވެސް ހުއްދަ ލިބުނު ކަމުގެ މެސެޖެއް ނައި. އެންމެ ފަހުން ފޭދޫ ޕޯސްޓުން ދޫކޮށްލީ ހިތަދޫ ޗެކް ޕޯސްޓުން ހިފަހައްޓާނެކަމެއް ބުނެ. ފޭދޫ އަށް ދިޔަތާ އެއް ގަޑިއިރު ފަހުން ހިތަދޫއަށް އަރަންވީއިރު އަނެއްކާ ހިފަހައްޓައިފި ހުއްދަ ނެތިގެން. އެންމެ ފަހުން އެމީހުން ގުޅައިގެނ ހުއްދަ ލިބުނުކަމުގެ މެސެޖް އައީ. އަޅުގަނޑު އޮތީ ނަގަންވާ ހުރިހާ ހުއްދައެއް ނަގާފަ.އެކަމަކު މުއައްސަސާތަކުން ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ދިމާވާ ކަންތައްތަކަށްވެސް ޒިންމާވާން މިޖެހެނީ ނިކަމެތި ރައްޔިތުމީހާ. އެއްވެސް އިންތިޒާމެއް ނެތި ކަންތައްތައް ނިންމުމުން ހުރިހާ އުނދަގުލެއް ރައްޔިތުންނަށް. “އެމީހާ ބުންޏެވެ.

މިއީ ކޮވިޑް19 ގެ ސަބަބުން ހުރިހާ ކަމެއްވެސް ބަދަލުވެ ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތަކަށްވެސް ގިނަ ބުރޫތަކެއް އަރާފައިވާ ދަނޑިވަޅެކެވެ. އެހެންނަމަވެސް މިއީ ބަލި ނެތް ސިޓީއެއްގައި މިކަން އޮންނަޖެހޭ އުސޫލުކަމަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ. ހަގީގަތުގައިވެސް މިއީ ވަރަށް ދެރަ މައްސަލައެކެވެ. ރަނގަޅު ސިއްހީ ވަސީލަތްތައް ނެތް މި ދެ ރަށުގެ ރައްޔިތުން މިތިބީ މިއަދު ހަގީގަތުގައިވެސް ވަރަށް ބޮޑު ނިކަމެތިކަމެއްގައެވެ. ރަށުގެ ހާލަތު ނޭގޭ ބަޔަކު ނިންމާ ނިންމުންތަކަށް ބޯލަބަންޖެހިފައެވެ. ލާމަރުކަޒީ ގާނޫންގެ ދަށުން ލިބިދޭ ހައްޤުތަކުން މަހްރޫމްވެފައެވެ. ޖަވާބުދާރީވާނެ މުއައްސަސާއެއް ޖަވާބުދާރީ ކުރުވާނެ ބައެއް ނެތި ބިކަވެފައެވެ. ހަރުދަނާ އުސޫލުތަކެއް ނެތި އަޅާފައިވާ ފިޔަވަޅުތަކެއް ސަބަބުން ‘ރަށު ބަންދު’ ވެފައެވެ.

 

5 ކޮމެންޓް
Kiya meeha
ޖޫން 5, 2020
Miothy va varehge ssd akai council ah addu ge viyafarithah hisaara kohgen covid 19 akee reigandi fiharathakunm nukunna ehthah hen
Mohamed
ޖޫން 5, 2020
alhugandu addu rayathuna dhanavaalan beynun vany adhives thibeyfulhun mdp aa hedhi marudhanjehen ulheyshey evaruge bayaku nethigen evaruge oaqaatheri bayakunethigen miharu hunaany ragalha ah kaalhu guirevifaa
ހުޅުދޫމީހާ
ޖޫން 4, 2020
ހުޅު މީދޫއަކި ނެތާ ރައްޔިތުންނަށް ހެވައްއެދިގެން ކަމައްކެރާނެބާކިއަ ކޮއްމި މީހަކާސް މަސައްކައްކެރަނީ އެމީހަކާއް އެއްމެ ފާއިދާހިށިގޮތަކައް. މިކަންއެގޭހެއް އިންތިޚާބައް ކަވެރިވީމެއި. އަފިރިން މިކޯލަދޮގަނި، އަފިރިން މުއަކަމުން.
Aanaa
ޖޫން 4, 2020
Muzaaharaa kuran feney thikamaa... muzaaharaa nukuraathyve ehves kameh addu ga rangalhu nuvegen miulheny
ކައްލަބާ
ޖޫން 4, 2020
ހުޅުމީދޫ މީހުނަށް އެފަރަށް ނިގީގެން ހިނގަނީ ސަރުކާރުގެ މައްސަލާކުނަށް ނުން. ހަފުތާކި 2 ދުވަހި ޒަރޫރީ ބޭނުންތަކަށް އެފަރަށް ގިޔޭގޮތަށް ހަދަފެއި މޭޔަރޮ ސޯބެ ހުޅުމީދޫ އަށް ފެނޑުވި މެމޯ އަލުން ބަދަލުކޮށް އެގޮތަށް ހުޅުމީދޫ އިން އޭއް ނިޖެހޭކަމަށް ނިންމައި އެކަން ބަދު ކެޑެއި ހުޅުދޫ ކައުންސިލަރޮ ޝުކުރީ އައި މީދޫ ކައުންސިލަރޮ ހިޔާޒް އައި ދެވެރިޔަ. މީ މިކަން ހިނގި ގޮތް. ބޭނުންފެހޭ ސޯބެ އަށް ގުޅަފެއި އަހުވަ!!