ކަނޑުދަތުރުފަތުރު ކުރުމުގެ އެންމެހާ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ކަނޑުދަތުުރުފަތުރު ދުވަހާއި ގުޅިގެން ވަޒީރު ދެއްވި ޚިތާބުގައި ވިދާޅުވީ، ދަތުރުފަތުރުގެ ދާއިރާއަށް ޒުވާނުން ނުކުތުމުގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށެވެ. މީގެތެރޭގައި އަންހެނުން މި ދާއިރާއަށް ނުކުތުމަކީ އަންހެނުން ބާރުވެރިކުރުމަށް މުހިއްމު ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކަނޑުދަތުރުފަތުރުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ އެންމެ ފަހު ބުރާސްފަތި ދުވަހެވެ.
ވަޒީރުވިދާޅުވީ މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް ބާރުއަޅަމުން އަންނަ ޒަމާނެއްގައި، ކަނޑުދަތުރުފަތުރު ކުރުމުގެ ހުރިހާ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާ ކުރައްވާނެ ކަމަށާއި އެކަމަށް މަގުފަހި ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑު އިސްކަމެއް ދީގެން ކެންޕޭނެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ދިވެހިންނަކީ ކަނޑަށް ފަރިތަ ބައެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔައީވެސް ދިވެހިންގެ މައިގަނޑު މަސައްކަތް ކަނޑުދަތުރުފަތުރާއި ގުޅިފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“ކަނޑުމަތީގެ ދާއިރާގައި ޓެކްނޮލޮޖީގެ އިންގިލާބެއް ވަނީ އައިސްފައި. އެގޮތުން ޑިޖިޓަލައިޒޭޝަންއާއި އޮޓޮމޭޝަންގެ ރޮނގުން ބޮޑެތި ބަދަލުތަކެއް ދާއިރާއަށް އައިސްފައިވާކަން އުފަލާއިއެކު ފާހަގަކުރަން، މިކަމުގެ ސަބަބުން އާއްމު ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށާއި މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ފުރުސަތުތަކެއް ވަނީ ފަހިވެފައި،”. ވަޒީރު ވިދާޅުވެފައި ވެއެވެ.
ދެމެހެއްޓެނިވި ތަރައްގީއަކީ އދ. ގެ ވަރަށް ގިނަ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަގުފަހިކޮށްދޭ އަމާޒެއްކަމަށާއި ސާފުހަކަތައާއި އިޤްތިސާދީ އަދި އީޖާދީ ކުރިއެރުންތަކާއި މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމާއި ކަނޑުގެ ރީތިކަން ހިމާޔަތްކުރުން ވެސް އދ. ގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
“ރާއްޖޭގެ އިގްތިސާދީ މަސައްކަތްތައް ގުޅިފައި ވަނީ ކަނޑާއި. ރާއްޖޭގައި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ފުރިހަމައަށް ގަބޫލުކުރާ ބަޔަކަށް ދިވެހިން ވާންޖެހޭ ” ވަޒީރުގެ ޚިތާބުގައި ވިދާޅުވިއެވެ.
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން މިއަހަރުގެ ކަނޑުދަތުރުފަތުރުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޔާރަކީ “މުސްތަޤްބަލަށް ދަތުރުކުރުން: ފުރަތަމަ ރައްކާތެރިކަން” މި ޝިއާރެވެ.