ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލީ ނުހައްގުން ކަމަށް ކުރީގެ ރައީސް އަދި އެމަނިކުފާނުގެ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް އަށް ވިދާޅުނުވެވޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވިޓެއްގައި މިހެން ވިދާޅުވެފައިވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަރަށް އަވަހަށް ވާހަކަދައްކަވާނެ ކަމުގެ އިޝާރާތެއް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ކުރެެއްވުމާއި ގުޅިގެން އެ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
Raees Yameen jalahlee nuhaqqun kamah Raees Maumoon akah vidhaalheh nuveveyne
— Mohamed Nasheed (@MohamedNasheed) June 1, 2020
އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދަށް ރައްދު ދެއްވައި ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައި ވަނީ ނުހައްގުން ކަމަށާއި، އެ މަނިކުފާނު މިނިވަންކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރަނީ ވަރަށް ފާޅުކަން ބޮޑުކޮށް ކެރިގެން ކަމަށެވެ. “ސިއްރު ޑީލްތައް ހަދައިގެނެއް ނޫން. އިރާދަކުރެއްވިއްޔާ މި މަސައްކަތް ކާމިޔާބު ވާނެ،” ޣައްސާން ވިދާޅުވި އެވެ.
ޣައްސާންގެ ޓުވީޓާ ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު، ޣައްސާންގެ ބައްޕާފުޅާއި ބޭބޭފުޅު ޖަލަށް ލީއިރު، އެކަމަށް އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ހުންނެވި ކަމަށް ވިދާޅުވެ ޣައްސާން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މީގެ އިތުރުން ޣައްސާންގެ ޓުވީޓަށް ރައްދުދެއްވައި މެމްބަރު ވަހީދު ވަނީ ބައްޕާފުޅާއި ބޭބޭފުޅުގެ ދިފާއުގައި އޭރު އެއްވެސް ބަހެއް ވިދާޅުވާން ޣައްސާނަށް ކެރިވަޑައިނުގެންނެވި ސަބަބާއި ގުޅޭގޮތުން ސުވާލު އުފައްދަވައިފަ އެވެ. މެމްބަރު ވަހީދުގެ ސުވާލާއި ގުޅިގެން ޣައްސާން ވަނީ ޖަވާބު ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގެ ލިންކެއްވެސް ހިއްސާކުރައްވައިފަ އެވެ.