English Edition
Dhivehi Edition

ކެންސަރު ބަލީގެ ބަލިމީހަކަށް ފަރުވާ ނުދެވި އައިޖީއެމްއެޗުގައި ބަލިމީހާ މަރުވި ކަމަށް ބުނާ ވާހަކަ އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.

އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެންސަރު ބަލީގައި ފަރުވާ ހޯދަން އެ ހޮސްޕިޓަލަށް އައި މީހަކު ނިޔާވެފައި ވަނީ ފަރުވާއެއް ނުލިބި ހޮސްޕިޓަލްގައި ހަ ދުވަސް ވަންދެން އެޑްމިޓްކޮށްފައި އޮތުމަށްފަހުކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ހޮސްޕިޓަލުން ނެެރުނު ބަޔާނުގައި ބުނީ ބަލިމީހާ އައިޖީއެމްއެޗަށް އެންމެ ފުރަތަމަ ދައްކާފައިވަނީ މެއި 26 ވަނަ ދުވަހުގެރޭ ކަމަށާއި ފުވައްމުލަކު ހޮސްޕިޓަލުން އައިޖީއެމްއެޗަށް ކޭސް ރިފާކޮށްފައިވަނީ އެޑްވާންސް ކެެންސަރު ކަމަށް ދެނެގަނެ، ސީރިއަސް ކޭހެއްގެ ގޮތުގައި ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އައިޖީއެމްއެޗް އިން ދެމުން އަންނަ ގިނަ ހިދުމަތްތަކެއް ހުއްޓާލާފައިވީ ނަމަވެސް ބަލި މީހާގެ ސީޓީ ސްކޭނެއް ހެދުމަށް ފަހު ކެންސަރު އޭނާގެ ހަށިގަނޑުގައި ފެތުރިފައިވާ މިންވަރާއި ބަލި މީހާ އަށް މިކަމުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާ އާއިލާއާ ހިއްސާ ކުރި ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ބުނީ ފަރުވާގެ ކަންތައް ކުރިއަށް ދަނިކޮށް ބަލިމީހާ މަރުވެފައިވަނީ ހޮސްޕިޓަލުގައި އެނދުމަތި ކުރިތާ ދެދުވަސް ފަހުން، މެއި މަހުގެ 29 ވަނަ ދުވަހުކަމަށާއި ބަލިމީހާ މަރުވީ އެ ހޮސްޕިޓަލުން ދޭންޖެހޭ ފަރުވާ ނުދެވިގެން ނޫން ކަމަށެވެ.

އިތުރަށް ބަޔާނުގައި ބުނީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އެއްވެސް ބަލި މީހަކު ނިޔާވުމަކީ އެ ހޮސްޕިޓަލުން ނުހަނު ހިތާމަ ކުރާ ކަމެއް ކަމަށާއި، އަދި މި ދަނޑިވަޅުގައި ނިޔާވި ބަލިމީހާގެ އާއިލާ އަށް ދިމާވެފައިވާ ހިތާމައިގައި އެ ހޮސްޕިޓަލުން ބައިވެރިވެ ތައުޒިއާ ފޮނުވާ ކަމަށެވެ.