English Edition
Dhivehi Edition

ކެންސަރު ބަލީގެ މީހުންނަށް ފަރުވާ ދެއްވަމުން ގެންދެވި ރާއްޖޭގެ ޒުވާން ޑޮކްޓަރު، މ. ލައިޓް ސިގްނަލް،ޑރ އަނާން ޝަފީއު ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ ބުދަ ވިލޭރޭ ފަތިހުގެ ވަގުތެއްގައި ސްރީލަންކާ ގަ އެވެ. އަނާން ގެ ޖަނާޒާ އޮތީ މަޣުރިބު ނަމާދަށް ފަހު މާލިގަވައްތަ މުސްލިމް ސަހަރާގަ އެވެ.

އަނާން، 28، މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދެވީ، އައިޖީއެމްއެޗުގައި ހިންގާ އޮންކޮލޮޖިސްޓް ސެންޓަރުގަ އެވެ. އޭނާ ނިޔާވީ ކިހިނެއްކަން ސާފެއް ނުވެ އެވެ.

އަނާންއާ ގުޅޭ ގޮތުން ރާއްޖޭގެ ފުރަތަމަ ސާޖިކަލް އޮންކޮލޮޖިސްޓް ޑރ. މުހައްމަދު ޝިފާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަނާންއަކީ ވަރަށް މޮޅު ޑޮކްޓަރެއްގެ އިތުރުން، ބަލި މީހުންނާއި އެއްކޮށް މަސައްކަތް ކުރާ މީހުންނަށް ވެސް އަޅާލާ އޯގާތެރި ޒުވާނެއް ކަމަށެވެ. އަނާންގެ ވަކިވުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ލިބިފައިވާ ކަމަށާއި އެކަމާ ހިތާމަކުރި ނަމަވެސް، އަނާން މި ދާއިރާއިން ދެއްކި ނަމޫނާއަށް ބަލައިގެން ޑޮކްޓަރުން މަސައްކަތް ކުރަމުންދާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވަމުން ގެންދެވި ޑޮކްޓަރު އައިމިނަތު ރަމްޝާ ވެސް މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ނިޔާވެފަ އެވެ. އޭނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ތައިލެންޑް ގަ އެވެ.