English Edition
Dhivehi Edition

‘ކޮވިޑް-19 އަކީ ރައީސް ސާލިހުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަން ވަޒަންކޮށްދިން ވަރުގަދަ އިމްތިހާނެއް!” މި ސުރީހެ ދަށުން ރާއްޖެ އެމްވީގައި ލިޔެފައިވާ ހަބަރެއް އެހެން ދެ ނޫހެއްގައި ޝާއިއު ކުރި މައްސަލަ ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފެންމަތިވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާއިރު ގިނަ ބަޔަކުވަނީ މިއީ އިއްތިފާގެއް ނޫންކަމަށާއި މިއީ ރައީސް އޮފީހުގެ ޕީއާރް ޓީމް ‘އަތަށް ގޮވުން’ކަމަށް ބުނެފައެވެ. އަދި މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޕްރޮމޯޓްކުރުމަށް އަމިއްލައަށް ލިޔެ ނޫސްތަކަށް ފޮނުވާފައިވާ ލިޔުމެއް ކަމުގައި ގިނަ ބަޔަކުވަނީ ތުހުމަތުކޮށްފައެވެ. އަދި މި ތުހުމަތުތަކަށް ބާރު ލިބޭ ‘ސްކްރީން ޝޮޓްތަކެއްވެސް’ ޓުވިޓާގައި ދައުރުވާން ފަށާފައިވާއިރު މިކަން ހިނގާދިޔަ ގޮތް ބަލައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށްވެސް ގިނަ ބަޔަކުވަނީ ގޮވާލާފައެވެ.

މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިސްމާއިލް ޝާހް ވަނީ މި އާޓިކަލް އަކީ ރާއްޖެ އެމްވީގެ އާޓިކަލެއް ކަމަށާއި އޭގެ ފަހުން މި އާޓިކަލް ސީއެންއެމް، ފެށުން އަދި ހެލްތް އިން އެރުވީ ކޮޕީކޮށްފައި ކަމަށް ބުނެފައެވެ. އަދި ފަހުން ސީއެންއެމް އައި ހެލްތް އިން މާފަށް އެދި މި އާޓިކަލް ޑިލީޓްކޮށްފައިވާކަން ފާހަގަކޮށް ނޫސްވެރިޔާ ބުނީ މިއީ ރާއްޖެ އެމްވީގެ ނޫސްވެރިއެއްގެ ބުރަ މަސައްކަތް ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ޓުވިޓާގައި ‘ބޮޑު ހަނގުރާމައެއް’ ފެށިފައިވާއިރު އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެއްވެސް އެއްޗެއް ދިފާއު ނުކުރައްވާ ކަމަށާއި އަދި އެއްވެސް މީހެއްގެ ބޮލުގައި އިލްޒާމެއްވެސް ނާޅުވާކަމަށެވެ. “އަޅުގަނޑު އެދެނީ މިކަން ހިނގާފައި އޮތްގޮތް މީޑީއާ ކޮމިޝަނުން ބަލައި ދިނުމަށް” ރޮޒައިނާ ވިދާޅުވިއެވެ.

މި ހަބަރާއި އެކު އިމްތިޔާޒް ފަހްމީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ “އަޅުގަނޑުމެން ގެނައި ސަރުކާރެއްގައި ނޫސްވެރިންނަށް މިހެން ނުހެއްދެވުން އެދެން. އަކުރުން އަކުރަށް އާޓިކަލް ލިޔެގެން ދެ ނޫހަކަށް އެއް އާޓިކަލެއް އެއްފަހަރާ ފޮނުވާފަ މި އޮތީ.” އިންތިގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވަނީ ކިހިނެތް ހިނގާފައިވާ އޮތް ކަމެއްތޯ ބަލާވެސް ނުލާ ބައެއްގެ ބޮލުގައި އިލްޒާމެއް އަޅުއްވާފަ މި އޮތީ ކޮން ގޮތަކުން ތޯ ސުވާލު ކުރައްވާފައެވެ. އަދި މިއީ ސަރުކާރުން ކުރެއްވި ކަމެއް ކަމުގެ ހެކި ލިބިފަ އޮތީތޯ ވިދާޅުވެ ރޮޒައިނާވަނީ ސުވާލު އުފައްދާފައެވެ.