English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ އެކިކަންކޮޅުތަކުން ސައްހަ އަދި މުއުތަބަރު ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ގަދަ ހިތްވަރާއެކު، ސާބިތު އަޒުމެއްގައި ނޫސްވެރިން ކުރާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސާބަސް ދެއްވައިފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައި ވަނީ، ޑިމޮކްރަސީ އާއި އިންސާނީ ކަރާމާތް ހިމާޔަތްކޮށް، އަދުލުއިންސާފު ނެގެހެއްޓުމުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ މީޑިއާގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި ޒިންމާދާރުކަން ދެމެހެއްޓުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަގީންކަންދެއްވާފައެވެ. މިގޮތުން، ނޫސްވެރިކަމުގެ އަހުލާގު ނަގަހައްޓައި، މުއުތަބަރު މައުލޫމާތު ދައުރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެމަނިކުފާނު މިނިވަން ނޫސްވެރިކަން ސިފަކުރައްވާފައި ވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދެފުށްފެންނަ އަދި ޖަވާބުދާރީކުރުވުމުގެ މާހައުލެއް ބިނާކުރުމަށް ލާޒިމު ކަމެއްގެ ގޮތުގައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ “ހިތްވަރުގަދަ އައު ދުނިޔެއެއްގައި ރިޕޯޓުކުރުން: މިނިވަން ނޫސްވެރިކަމަށާއި މީޑިއާއަށް އާޓިފިޝަލް އިންޓެލިޖަންސް އިން ފޯރާ އަސަރު،” މިއެވެ. މިޝިޢާރުން، އާޓިފިޝަލް އިންޓެލިޖަންސް (އޭ.އައި) އިން ފަހިކޮށްދޭ ފުރުސަތުތަކުގެ އިތުރުން މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމުގެ ދިރުންހުރި ސިފަ ދައްކުވައިދެއެވެ. ރައީސް ވަނީ، ދެފުށްފެންނަ ގޮތެއްގައި ބޭނުންކުރެވިއްޖެ ނަމަ، އޭ.އައި އަކީ މައުލޫމާތު ތަހުލީލުކުރުން އޮޓޮމޭޓްކޮށް، އުފެއްދުންތައް ދުރަށްފޯރުކޮށްދިނުމުގެ ހިދުމަތް އިތުރަށް ފުރިހަމަކޮށް، ދޮގުމައުލޫމާތާ ދެކޮޅަށް އަޑުއުފުލުމުގައިވެސް ބޭނުންކުރެވިދާނޭ އާލާތެއްކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، މީޑިއާ ލިޓްރަސީ އިތުރުކޮށް، އޭ.އައި އުފެއްދުންތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ނޫސްވެރިކަމުގެ އަހުލާގު އެއްއުއިވާނޭ ގޮތަށް އޭ.އައި ބޭނުންކުރުމަށް ހިތްވަރު ދިނުމުގައި، ޕްރެސް ފްރީޑަމް ކޯލިޝަން އާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތައް ފަދަ ގައުމީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ކުރާ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މިނިވަން ނޫސްވެރިކަމަށް ބޭނުންވާ ގާނޫނީ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ޑިޖިޓަލް މެނިޕިއުލޭޝަންގެ މައްސަލައިގައި ކުރިއަށްދާނޭ ގޮތްތަކެއް ކަނޑައަޅުމަށާއި، މީޑިއާ އާއި ފަންނިއްޔާތާ ގުޅޭ މަޝްވަރާތައް ޝާމިލުކަމާއެކު ކުރިއަށްގެންދިއުމަށް ރާއްޖެއިން ދަނީ ކެނޑިނޭޅި އަޑުއުފުލަމުންނެވެ. އޭއައިގެ ޒަމާނުގެ ފުރުސަތުތަކާއި ގޮންޖެހުންތަކާ ދުނިޔެ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޑިމޮކްރަސީގެ އެއް ތަނބު ކަމުގައިވާ ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ހިއްސާކުރާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަގީންކަން ދެއްވާފައެވެ.