English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.

އެޗްޕީއޭއިން މި ހުއްދަ ދީފައި މިވަނީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މަޖިލީހުގެ ތަޅުމުގައި ބޭއްވުމަށް މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ނިންމަވާފައި ވަނިކޮށެވެ.

މަޖިލީހުގެ އިދާރާގައި ވަކި ކަންތައްތަކެއް ފުރިހަމަވުމުން، ޖަލްސާއަށް މެމްބަރުން ވަޑައިގަތުމުގެ ހުއްދަ ދިނުމަށް އެޗްޕީއޭ އިން ލަފާ ދީފައިވާ އިރު މަޖިލީހުން ތަޅުމުގައި ޖަލްސާ ބާއްވާނަމަ ފުރިހަމަ ކުރަން ޖެހޭ ހަތް ކަމެއް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

  • ޖަލްސާ ކުރާ މާލަމަށް ވަނުމުގެ ކުރިން، ޓެމްޕަރޭޗާ ބަލައި ހުން ނެތްކަން ކަށަވަރު ކުރުން.
  • ކޮވިޑް-19 ގެ އަލާމާތެއް ހުރި އެއްވެސް މީހަކު ޖަލްސާގައި ބައިވެރި ނުވުން.
  • މާލަމަށް ވަނުމުގައި އާއި ނުކުތުމުގައި، އެކަކު އަނެކަކާ ދެމެދު ތިން ފޫޓުގެ ދުރުމިނެއް ގާއިމުކުރުން.
  • ޖަލްސާގައި ބައިވެރިވާ މީހުން ސައިބޯނި ލައިގެން އަތްދޮވެވޭނެ ގޮތް ނުވަތަ ހޭންޑް ސެނިޓައިޒާ ބެހެއްޓުން.
  • މާލަމުގައި ތިބޭއިރު ގިނަގިނައިން މީހުން އަތްލާނެ ތަކެއްޗާއި ތަންތަން (މޭޒުމަތި، ތަޅު، ކީބޯޑު، މައުސް ފަދަ ތަކެތި) ސާފުކޮށް ޑިސްއިންފެކްޓް ކުރުން.
  • ކޮވިޑް-19 އިން ރައްކާތެރިވުމުގެ އާންމު އިރުޝާދުތަކާ އެއްގޮތަށް ކެއްސައި، ކިނބިހި އަޅާއިރު، ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށީގެ އެތެރެފުށް ބޭނުންކުރުން.
  • މީހުން އެއްތަނަކަށް އެއްވެގެން ކޮންމެހެން ބާއްވަންޖެހޭ ޖަލްސާއެއް ނޫނީ މި ދުވަސްވަރު ނުބޭއްވުން. އެންމެ އެދެވިގެން ވަނީ ވާޗުއަލްކޮށް ޖަލްސާ ބޭއްވުން.

ހާއްސަ އިންޒާމުތަކެއްގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު، މަޖިލިސް ތަޅުމުގައި ޖަލްސާ ބޭއްވޭނެ ކަމަށް އެޗްޕީއޭ އިން ފުލުހަށް އަންގާފައިވާއިރު މިހާރު ފުލުހުންވަނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވާން ބޭނުންވާ މެމްބަރުންނަށް އެކަމުގެ ހުއްދަވެސް ދޫކޮށްފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ އަންނަ މަހު ތިން ވަނަ ދުވަހު ދައުރު ހަމަވާ ކައުންސިލް ތަކުގެ ދައުރު ދިގުކުރުމުގެ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލެވެ.