English Edition
Dhivehi Edition

ނިކަމެތި ރައްޔިތު މީހާ ފުލުހަށް ގެންގޮސް, ލާދީނީ ޓެގު އެޅުވި ސިޔާސީ މީހުންނަށް ބޮޑެތި މަގާމުތަކާއި ސެކިއުރިޓީ ދެމުން ގެންދާތީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ފާޑު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި އެމަނިކުފާނު ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އިހާނެތި ބަސް ބޭނުން ކުރެއްވި ކަމަށް ބުނެ ވާހަކަ ދެއްކި މީހާގެ މައްސަލަ ފުލުހުން ބަލަންފަށާފައިވާ ދަނޑިވަޅެއްގައެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ދިފާއުގައި އެމްޑީޕީން ބަޔާނެއް ނެރުނުއިރު ލާދީނީ ވާހަކަ އެންމެ ބޮޑަށް ދެއްކި މީހުންނާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ތިއްބެވީ ހަނުން ކަމަށެވެ.

“ބޮޑު ކެކުރި ކުޑަ ކެކުރީގެ ތަހުގީގު” އާދަމް ޝަރީފްގެ ޓުވިޓްގައި ވިދާޅުވެފައިވެއެވެ.

ލާދީނީ ވާހަކަ އެންމެ ބޮޑަށް ދެއްކި މީހުންނަކީ ކޮބައިކަން އާދަމް ޝަރީފްގެ ޓުވިޓްގައި ވިދާޅުވެފައި ނުވި ނަމަވެސް އެ ވާހަކަ އިޝާރަތްކުރައްވާފައިވަނީ އެމްޑީއެން އަށް ކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.

މި ގޮތުން އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަވާ ފަދަ ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ޝާއިއުކުރި، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ މައްސަލަ ތަހުގީގުކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި ރިޕޯޓް ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު ޝަހިންދާ އިސްމާއިލާއި އަޒްރާ ނަސީމް ފުލުހަށް ހާޒިރުވާން ވެސް އެންގި އެވެ. ނަމަވެސް އެއިން އެއްވެސް މީހަކު މިހާތަނަށް ފުލުސް އޮފީހަށް ހާޒިރެއް ނުވެ އެވެ. އެ ދެ މީހުން ވެސް ދިރިއުޅެނީ ރާއްޖެ އިން ބޭރުގަ އެވެ.

ނަޝީދު އާއި ރ. އަނގޮޅިތީމު ޖީޒާގެ އަލީ އިބްރާހިމް ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަ އާއި ގުޅޭ ގޮތުން ފުލުހުން ބުނީ ރައީސް ނަޝީދާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ވާހަކަތައް އިންޓަވިއުއެއްގައި ދެއްކި މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ހުށައަޅާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ފުލުހުން ސާފު ކުރަންޖެހޭ ކަންކަން ސާފުކުރަމުންދާ ކަމަށެވެ.