މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް އެމްޑީއޭއިން ހެދި ކޯލިޝަން ރޫޅާލައި އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއިދުކުރަން އެ ޕާޓީން ނިންމައިފިއެވެ.
ރޭ އެމްޑީއޭ އިން ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައި އެމްޑީއޭ ކައުންސިލަށް އެކަން ހުށަހެޅުއްވީ އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެކަމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އެވެ
އެމްޑީއޭގެ ކައުންސިލަށް މުހައްމަދު އައްބާސް ހުށަހެޅި، ހުށަހެޅުމުގައި ވަނީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ އެކު ވެފައިވާ ކޯލިޝަން ރޫޅާލައި އިދިކޮޅު ކެންޑިޑޭޓު މުއިއްޒަށް ތާއީދުކޮށް ކޯލިޝަން ހެދުމަށް ހުށަހެޅުމަށެވެ. މި ހުށަހެޅުން ފާސްވީ އެމްޑީއޭ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ ވޯޓުންނެވެ. މިކަމާ ދެކޮޅަށް ވޯޓު ދެއްވި ކައުންސިލްގެ ދެ މެންބަރުންނެވެ.
މި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން އަލީ މައުރޫފް ވިދާޅުވި ގޮތުގައި ފުރަތަމަ ބުރުގައި ވެގެން ދިޔަ ގޮތުން ދެވަނަ ބުރުގައި ރައީސް ސޯލިހަށް ކާމިޔާބު ނުވާނެ ކަމަށް %97 ކައުންސިލް މެމްބަރުން ގަބޫލު ކުރައްވާ ކަމަށެވެ. އަދި ދެ ވަނަ ބުރުގައި މުއިއްޒަށް ލިބޭ ތާއީދު އިތުރުވަމުން އަންނަ ކަމަށް އެމްޑީއޭގެ ކައުންސިލްގެ މެމްބަރުން ދެކެވަޑައިގަންނަވާކަމަށްވެސް އަލީ މައުރޫފް ވިދާޅުވިއެވެ.
މީގެ އިތުރުން އަލީ މައުރޫފު ވިދާޅުވީ މަންޒަރުތަކަށް ބަލާއިރު އެމްޑީއޭ އަށް ފެންނަނީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުން މުއިއްޒު ބޮޑުތަނުން މޮޅުވާ ތަން ކަމަށެވެ.