ރާއްޖޭގައި މިހާރު އަަޅާފައިވާ ލޮކްޑައުންގެ އުސޫލުތަކަށް ލުޔެއް ގެންނާނީ ލޮކްޑައުންގެ މުއްދަތު ހަމަވާއިރު އާންމުން އެ ކަމަށް ތައްޔާރުވެފައިވާ ވަރަށް ބަލައި، ފެންނަމުންދާ ކޭސްތަކުގެ އަދަދު މަދުވާކަމަށްވާނަމަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޑރ. އަފްޒަލް ވިދާޅުވީ މިހާރު އޮތް ލޮކްޑައުންގެ މުއްދަތު ނިމޭ އިރު އެއްކުރެވޭ ޑޭޓާތަކުން ރާއްޖޭގައި ބަލި ފެތުރުމުގެ ހާލަތު އަންދާޒާކުރަން ފަސޭހަވާނެކަމަށެވެ. އަދި ފުރަބަންދު ނަގަން ނިންމާނީ ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދުތައް މަދުވާނަމަ ކަމަށް ޑރ،އަފްޒަލްވަނީ ވިދާޅުވެފައެވެ. .
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ރަނގަޅު އަސަރު ފެންނަ ކަމަށް ބެލެވޭނީ ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު ދުވަހުން ދުވަހަށް މަދުވަމުންދާ ނަމަކަމަށާއި އޭރުން އެ ދައްކައިދެނީ ފިޔަވަޅުތަކަށް މީހުން އަހުލުވެރިވެ، އަމަލު ކުރަމުންދާ ކަން ކަމަށެވެ. އަދި އެ ހާލަތަކީ ލޮކްޑައުން ފިިޔަވަޅު އުވައިލުމާ މެދު މަޝްވަރާ ކުރެވިދާނެ ހާލަތެއް ކަމަށް ވެސް ޑރ.އަފްޒަލް ވިދާޅުވި އެވެ. “ޑެއިލީކޮށް އަޅުގަނޑުމެންނަށް ފެންނަ ނަމްބަރ އޮފް ކޭސެސް މަދުވަމުންދާކަމަށްވާ ނަމަ އޭގެ މާނައަކީ ހުރިހާ ދިމާލަކުން ހަރަކާތްތެރިވާ މީހުންތައް މި ނަގާ ފިޔަވަޅުތައް އިފެކްޓިވްކޮށް އަޅުގަނޑުމެން ދޭ އިރުޝާދަށް އަމަލުކުރަން ފަށައިފިއޭ. އޭރުން ލޮކްޑައުން އާއި މެދު އެންއީއޯސީ ލެވެލްގައި ހައި ލެވެލްއެއްގައި ގޮތެއް ނިމިގެންދާނެ” ޑރ.އަފްޒަލް ވިދާޅުވިއެވެ.
އެޗްޕީއޭ އިން އެންމެ ފަހުން ކަނޑައަޅާފައިވާ ގޮތުން، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މިދިޔަ މަހުގެ 15 ން ފެށިގެން އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވާނީ މި މަހުގެ 28 ގަ އެވެ.