English Edition
Dhivehi Edition

އައްޑޫ ސިޓީ އިން ކޮވިޑް19 އަށް ‘ވަރަށް އަވަހަށް’ ޓެސްޓްކުރެވޭނެ ކަމަށް ވިދާޅުވެ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ދެއްކި ވާހަކަތަކާއި ގުޅިގެންގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އެ ވާހަކަތަކަށް ރޮޒައިނާ ޖަވާބުދެއްވައިފިއެވެ.

އައްޑޫގައި ކޮވިޑް19 އަށް ޓެސްޓް ހެދޭނެ ގޮތް ނެތުމުން އައްޑޫ ރައްޔިތުން ކަންބޮޑުވުންފާޅުކުރަން ފެށުމުން، އޭޕްރީލް 17 ވަނަ ދުވަހު ރޮޒައިނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ވަރަށް އަވަހަށް 5 ރީޖަންގައި ޓެސްޓް ކުރުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށެވެ. އެހެންނަމަވެސް އައްޑޫގައި ޓެސްޓު ނެހެދި ގިނަ ދުވަސްތަކެއްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާއިރު ބައެއް ފަރާތްތަކުން ވަނީ ރޮޒައިނާ ވިދާޅުވި ‘ވަރަށް އަވަހަކީ’ ކިތައް މަސްކަމުގައި ވިދާޅުވެ ދެއްވުމަށްވެސް އެދިފައެވެ.

މި ވާހަކަތަކާއި ގުޅިގެން މީހަކު ކުރި ޓުވިޓަކަށް ޖަވާބުދެއްވަމުން ރޮޒައިނާ ވިދާޅުވީ އޭރުވެސް ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ދިން ތާރިހުކަމަށާއި އެއީ އަމިއްލައަށް ދިން ތާރިހެއް ނޫންނަކަމަށެވެ. “އަދި މިހާރުވެސް ހަމަ އެހެން. ސަޕްލަޔަރުންނަށް ސަޕްލައި ނުކޮށްދެވުނީމަ ލަސްމީ.” ރޮޒައިނާ ވިދާޅުވިއެވެ. މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ މިއުޅެނީ ޕެންޑަމިކްއެއް ތެރޭކަމަށާއި މި ވަގުތަށް ހުރިހާ ކަމެއްވެސް ދަތިކަމަށެވެ. “އަުއްމީދުކުރަނީ އަދި ދުޢާކުރަނީ އެންމެ ރަގަޅު ގޮތްވުމަށް” ރޮޒައިނާ ވިދާޅުވިއެވެ.

 

އައްޑޫ ސިޓީގެ ސިއްހީ ހާލތުދައްކަމުގެ ޝަކުވާތައް ގިނަ ބަޔަކު ކުރަމުން އަންނައިރު މީގެ ކުރިން އައްޑޫ ސިޓީގެ މޭޔަރު ކުރެއްވި ޓްވީޓެއްގައިވެސް ވިދާޅުވީ ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރެވި، ވަރަށް އަވަހަށް އައްޑޫ އީކްއޭޓޮރިއަލް ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓް ހެދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށެވެ.