ރާއްޖޭގެފުރަތަމަ ވެޓްލޭންޑު ގާޑަން، މަތިކިޅި އީކޯ ގާޑަނުގެ ވޯލްކްވޭގެ މަސައްކަތް ނިންމައި އަލުން ހުޅުވައިފިއެވެ.
އައްޑޫ ސިޓީ މީދޫ މަތިކިޅި އީކޯ ގާޑަނުގެ ވޯލްކުވޭ ހަދައި ނިމުމަށް ފަހު އީކޯ ގާޑަން އަލުން ހުޅުވާފައިވަނީ 2 ނޮވެމްބަރ، 2024 ގައެވެ.
ވޯލްކުވޭ ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަބުދުއްރަޙްމާން އެވެ. ވޯލްކުވޭ ހުޅުވުމުގެ އުފަލުގައި ޚާއްސަ ޓީ ޕާޓީ އެއް ބޭއްވުނެވެ. މަތިކިޅި އިކޯ ގާޑަންގެ ސަޕޯޓަރުންނާއި މަތިކިޅި ސޮސާއިޓީއާ ގުޅިގެން އިންތިޒާމްކުރި މި ސައި ޕާޓީގައި 130 މީހުން ބައިވެރިވެފައިވެއެވެ. އީކޯ ގާޑަން ހުޅުވާފައި މިވަނީ ، ވޯލްކުވޭ ހެދުމުގެ މަސައްކަތަށް ބަންދުކޮށްފައިވާތާ ހަތަރު މަސް ފަހުންނެވެ. ވޯލްކުވޭގެ މަސައްކަތް ފުރިހަމަ ކުރެވިފައިވަނީ، 1 ޖުލައި 2024 އިން ފެށިގެން 31 އޮކްޓޯބަރ ، 2024 މ. އަށް މެދުނުކެނޑި ކުރެވުނު މަސައްކަތުންނެވެ.
ސަރާސަރު ސަރަހައްދަކަށް ފެތުރިފައިވާ ފެހިވާދީ އެއް ފަދަ ހިތްގައިމު މާހައުލާއެކު މަތިކިޅި އީކޯ ގާޑަނަކީ، މިހާރު މުޅި އައްޑު ސިޓީގެ ވެސް ޚާއްސަ ލޭންޑް މަރކެކެވެ. ހުޅުދޫ މީދޫގެ އިތުރުން މުޅި އައްޑޫ ސިޓީގެ ވެސް ފަޚްރުވެރި ރަމްޒެކެވެ.
އައްޑޫ ޑެސްޓިނޭޝަން ބްރޭންޑިންގެ ޚާއްސަ އެއް ކެޓެގަރީ، ބިޔޮންޑް ދަ ބީޗުސް ކެޓެގަރީން އެންމެ ރީތި ހިތްގައިމު މަންޒަރަކަށް ފެނިގެން ދިޔައީ ވެސް މަތިކިޅި އީކޯ ގާޑަންއެވެ.
މަތިކިޅީގެ ޚާއްސަ އެޓްރެކްޝަން ޕޮއިންޓެއްގެ ގޮތުގައި މަތިކިޅި އީކޯ ގާޑަން ހެދުމުގެ މަސައްކަތަކީ މީގެ 7 އަހަރު ކުރީން ފަށާފައިވާ ވަރަށް ތަފާތު މަސައްކަތެކެވެ. އެ ހިސާބުން ފެށިގެން ވެސް ގިނަ ބަޔަކު މަތިކިޅި އީކޯ ގާޑަނަށް ޒިޔާރަތްކުރަމުން އައިސްފައިވެއެވެ. އެހެން ނަމަވެސް ޗަސްބިމަށް ނުފައިބާ ގާޑަނާ ހަމައަށް ދެވޭނޭ ފަދަ ވޯލްކުވޭއެއް މީގެކުރިން ފުރިހަމަވެފައި ނެތެވެ. އެއްގގަމުން ފެށިގެން އީކޯ ގާޑަނާ ދެމެދުގެ ދުރުމިނަކީ 620 ފޫޓެވެ. އޭގެ ތެރެއިން ވެލި ވޯލްކުވޭ ހެދެން އޮތް ތިން ސަތޭކަ ތިރީސް ފޫޓް ދިގު މިނުގައި ވެލި ވޯކްވޭ ހަދާފައިވާތާ ހަ އަހަރުވެއްޖެއެވެ. އެހެން ނަމަވެސް އަަސްލު ޗަސްބިން ސަރަހައްދުގައި ހަދަން ޖެހޭ ވޯލްކުވޭގެ ބައި އޮތީ ހެދޭގޮތް ނުވެފައެވެ. އެ މަސައްކަތުގެ ދަތިކަމާއި ޚަރަދުގެ ބޮޑުކަމުންނެވެ. އެހެންނަމަވެސް މަތިކިޅި އީކޯ ގާޑަން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ މަތިކިޅި ސޮސައިޓީ ޖަމްޢިއްޔާގެ ފަރާތުން އެންމެ ފަހުން މި ވަނީ އެ މަސައްކަތް ވެސް ފުރިހަމަކޮށްފައެވެ. އެގޮތުން 290 ފޫޓްގެ ބުރިޖް ވޯލްކުވޭ އެއް ހަދައި ނިންމާފައެވެ. މި މަސައްކަތަށް ބޭނުންވާ ފަންޑް ރެއިޒް ކުރުމާއި މެޓީރިއަލް ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މީގެ ދޮޅު އަހަރު ކުރީން ފެށިގެން ކަމަށް މަތިކިޅި ސޮސައިޓީގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ. ބުރިޖް ވޯލްކުވޭ ހެދުމަށް ހޭދަވި އަސްލު އަގަކީ 165676 ރުފިޔާއެވެ. އަދި ތިން ސަތޭކަ ތިރީސް ފޫޓް ދިގު ވެލިވޯލްކުވޭގެ އަގަކީ 40000 ރުފިޔާއެވެ. އެހެންކަމުން މުޅި ވޯލްކުވޭގެ އަގު ދެ ލައްކަ ރުފިޔާ އަށް ވުރެ މަތިވާ ކަމަށް މަތިކިޅި ސޮސައިޓީގެ އެއް ފައުންޑަރ ، މުހައްމަދު ސަލާހު މަޢުލޫމާތު ދެއްވިއެވެ.
މިއީ މި ފަހުގެ ތާރީޚެއްގައި މީދޫގައި ކުރެވުނު މި ޒާތުގެ އެންމެ ބޮޑު އިޖްތިމާޢީމަސައްކަތް ކަމުގައި ވާނެއެވެ. މަތިކިޅި ސޮސައިޓީގެ ފަރާތުން މުހައްމަދު ސަލާހު އާއި އަބްދުއްލާ ޒުހުރީ ވަނީ މި މަސައްކަތަށް އެކި ގޮތްގޮތުން އެހީތެރިވެ ދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ
މަތިކިޅި އީކޯ ގާޑަނަކީ ވަރަށް ތަފާތު ތަނަކަށް ވާތީ، މުޅި ރާއްޖޭގެ ވެސް އެހެންނޭޗަރ ޕާކަކަށް ލިބިފައި ނުވާ ފަދަ މީޑިއާ ކަވަރޭޖެއް މަތިކިޅި އީކޯ ގާޑަނަށް ލިބިފައިވާކަން ފާހަގަކުރެވެއެވެ. ދިވެހި އަދި އިނގިރޭސި ބަހުން ރާއްޖޭގައި ނެރޭ ބައެއް ނޫސްތަކުގައި މަތިކިޅި އީކޯ ގާޑަން ފިޗަރކޮށް ޚާއްސަ ރިޕޯޓްތައް ޝާޢިއުކޮށްފައި ވެއެވެ. އަދި ޑެސްޓިނޭޝަން މަރކެޓިން މަލްޓި މީޑިއާ ގުރޫޕު ތަކުގެ ޕޭޖު ތަކުގައި ވެސް ފީޗަރކުރަމުން އައިސްފައިވެއެވެ. މީގެ އިތުރުން ބޭރުގެ ބައެއް މަޖައްލާ ތަކާއި ޕޭޖް ތަކުގައި ދިވެހިރާއްޖޭގެ ޚާއްސަ ތަންތަނާ ގުޅޭގޮތުން ލިޔާ ބައެއް ރިޕޯރޓް ތަކުގައި ވެސް މަތިކިޅި އީކޯ ގާޑަން ހިމާނާފައިވެއެވެ.
.