English Edition
Dhivehi Edition

​ސ.މީދޫ އަނޯނާގެ އަހްމަދު ދީދީ 59އ ވަރަށްގިނައިން ސައިކަލުން ދާތަން ރަށުގެ މީހުންނަށް ފެންނާނެއެވެ. ފެންނަ ފެނުމަށް ގަދަވެ ސަލާމަތުން ހުންނަހެން ހީވެއެވެ.
މީހަކާ އިނދެ ދަރިން ލިބިފައި ވީނަމަވެސް އަހްމަދުދީދީ އާއި އަނބިމީހާ ގެ ކައިވެނި ރޫޅުނު ފަހުން އޭނާ އުޅެނީ މައިންބަފައިންގެ ގޭގައެވެ.

މިދިޔަ ދެތިން ދުވަހަކު އޭނާ މަގުމަތިން ނުފެންނަކަން ބަޔަކަށް ނޭނގިދާނެއެވެ. އޭނާ ގޭގައި މަޑުމަޑުން އޮށޯވެލައިގެން އޮވެ ތަފާތު ގޮތަކަށް ވާހަކަ ދައްކާތީ އާއިލާ އަށް އެކަން ފާހަގަވިއެވެ. އަހްމަދު ދީދީ ގޮވައިގެން މަރުކަޒަށް ގެންދިޔުމުން އޭނާ އަށް ވެގެން އުޅޭގޮތެއް ނޭނގިގެން އިތުރުފަރުވާ އަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ހެއްދި ޓެސްޓްތަކުން އެނގުނީ މީގެ ދުވަސް ކޮޅެއް ކުރިން ސްޓްރޯކު ޖެހި އޭނާގެ ސިކުނޑިއަށް ލޭއެޅިފައިވާ ކަމެވެ. އައްޑޫ ހޮސްޕިޓަލުން ދެވެން އޮތް ފަރުވާދިނުމަށް ފަހު ރޭގެވަގުތެއްގައި ވަނީ އޭނާ މާލެފުރުވާލާފައެވެ. އަހުމަދު އަށް ވަނީމީގެ ކުރިންވެސް ސްޓްރޯކެއް ޖެހިފައެވެ. އަހުމަދު ގެ ހާލު މިފަހަރު ވަރަށްގޯސް ކަމަށް އައްޑޫ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަހުމަދުގެ ދަރިފުޅު އަޒްހަރު ބުނިގޮަތިގައި އޭނާގެ ބައްޕައަށް ވަށައިގެން ހިނގަމުން އަންނަ އެއްވެސް ކަމެއް ނޭނގެއެވެ. މުޅިންވެސް ދައްކަނީ ސިކުނޑި ހަމަނުޖެހޭ މީހަކު ދައްކާ ކަހަލަ ވާހަކައެވެ. ބައްޕަ ގޮވައިގެން މިހާލުގައި އުޅެން ފަސޭހަ ނުވާވަރަށް އޭނާގެ ހާލަތު ދަށްކަމަށް އަޒްހަރު ބުނެއެވެ. ހޮސްޕިޓަލްގެ އެނދުގައި ވެސް ތެޅިފޮޅޭތީ ބާއްވައިގެން ތިބެން އުނދަގޫ ކަމަށް އަޒްހަރު ބުންޏެވެ.


2022 ވަނަ އަހަރު އަހްމަދު ދީދީ އޭސީ އެއް ހަރުކުރުމުގެ މަސައްކަތުގައި ހުއްޓާ ބޯއަނބުރައިގަނެ ގޮނޑިންވެއްޓުނެވެ. އެދުވަހު ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާއަށް ފަހު ގެއަށް ފޮނުވާލިއެވެ. ދުވަސް ކޮޅަކުން އާއިލާ މީހުންނަށް ފާހަގަވީ އޭނާގެ އަނގައިގެ އެއްފަޅިން ވާގި ގޮސްފައި ހުއްޓައެވެ. އެފަހަރު ބޭސްފަރުވާ އަށްފަހު އަހުމަދުގެ ބަލި ފަސޭހަވިއެވެ. އެހެން ނަމަވެސް މިފަހަރު ކަންދިމާކުރި ގޮތުން އަހްމަދުގެ ބަލި ބޮޑެވެ. ދެވަނަ ސްޓްރޯކް ޖެހުނުކަން އެކަކަށްވެސް ނޭނގި އޭނާގެ ހާލަތު މާބޮޑަށް ގޯސްވެއްޖެއެވެ.

ބަލިމީހާ އަށް އާސަންދަ ހަމަޖެހުނު ކަމުގައިވީނަމަވެސް އެކީގައި މާލެ ފުރި އަހުމަދު ދީދީގެ ދަރިފުޅު މުހައްމަދު އަޒްހަރު އާއި އާއިލާގެ އެހެން މެންބަރުންގެ މާލީހާލަތު ދަށްވުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އެހީތެރިކަމަށް ބޭނުންވެފައެވެ.

ބައްޕަގެ ބޭސްފަރުވާ އަށް އަޒްހަރު މާލެގޮސް ހުރުމާއި ކެއުމުގެ ހަރަދުހިނގާނެ މުއްދަތެއް ނޭގޭ ކަމަށް އަޒުހަރުބުނެއެވެ.
އެއާއިލާގެ މާލީ ހާލަތު އާސަންދަ ލިބުނު ކަމުގައިވީ ނަމަވެސް މާލެ ގޮސްހުރުމަކަށް ތަނެއް ނުދެއެވެ. އާސަންދަ ދިނުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ބަލިމީހާ މާލެ ގެންދިއުމުގެ ޓިކެޓް ބަލިމީހާގެ އެހީތެރިޔާއަކަށާއި ބަލިމީހާއަށް ލިބިދެއެވެ. އެހެން ނަމަވެސް އެހެން ހުރިހާ އެހީއެއް ލިބިދެނީ ބަލިމީހާއަށް އެކަންޏެވެ. އެޑްމިޓްނުކުރާ ނަމަ ބަލިމީހާގެ ކެއުމުގެ ހަރަދާއި އެހެނިހެން ހަރަދުވެސް އަމިއްލަ ހަރަދަކަށްވެދެއެވެ. ހުންނަ ތަނަކީވެސް އެހިސާބުން އަމިއްލައަށް ބަލަހައްޓަންޖެހޭ ހަރަދުތަކެވެ.

އަހްމަދު ދީދީގެ ބަލީގެ ގޮތުން މިފަދަ މާލީ ޒިންމާތަކެއް ބޮލުގައި އަޅައިގެން ، މުއްދަތެއް ނޭނގި ފުރައިގެން ގޮސް މާލޭގައި ތިބުމަކީ އެއާއިލާއަށް މިހާލަތުގައި ކުޅަދާނަކަމެއް ނޫނެވެ.

ބައްޔަށް ފަރުވާދިނުމަށް ރޭ މާލެ ފުރުވާލާފައި ވާއިރު ދެބަފައިން އެދެނީ އެހީގެ ކުޑަ މިންވަރެއްނަމަވެސް ދެވެން އޮތް ފަރާތެއްނަމަ އެހީވެދިނުމަށެވެ. އަދި އެހީވެވެން ނެތްނަމަވެސް އެ ބައްޕަ އަށް ހެޔޮދުއާ ކޮށްދިނުމަށް އަޒުހަރު އެދެއެވެ.

އަހްމަދު ދީދީގެ ބަލިހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް 9544401 (މުހައްމަދު އަޒްހަރު ) ނަންބަރަށް ގުޅުމަށާއި އަދި މާލީ އެހީތެރިކަން ފޯރުުކޮށްދިނުމަށް މުހައްމަދު އަޒްހަރު އެކައުންޓަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަކީ ބޭނުން ޖެހިފައިވާ އެއާއިލާއިން އެދޭ ވަރަށް ބޮޑު އެދުމެކެވެ.

ފައިސާ އެކައުންޓް ނަންބަރު: 7723500754101

އެކައުންޓް ނަން: މުހައްމަދު އަޒުހަރު

ނޯޓް: އަހްމަދު ދީދީގެ ފަހުގެ ރިޕޯރޓާއި ޑޮކްޓަރގެ ލިޔުން މިއާޓިކަލްގައި ހިމަނާފައި ވާނެއެވެ.

މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ.

“އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވެވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

މާތް ﷲ އަށްޓަކާ އެހީތެރިވެދެއްވާ! މާތް ﷲ އަށްޓަކާ ކުރާ އެއްވެސް ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫން! ދެދުނިޔޭގަވެސް މަތިވެރި ވެގެންވާ ސަވާބާއި ދަރުމަ ލިބޭނެ، إن شاء الله!