ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އަމަލުކޮށްފައިވާ ފަރާތްތައް ބަލާނެ ކަމަށާއި، ޤާނޫނާއި ޤަވާއިދާއި ޚިލާފްވެފައި އޮވެއްޖެނަމަ މި ހާލަތުން އަރައިގަނެވުމުން އެފަދަ ފަރާތްތަތަކާއި ދޭތެރޭ އަޅަންޖެހޭ ފިޔަވަޅެއް އަޅާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ބައެއްް ރިސޯޓްތަކުގެ މުއައްޒަފުންނަށް ރޯދަ އެލަވެންސް ނުދޭކަމަށް ބުނެ ކުރަމުންދާ ޝަކުވާތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ބައެއް ރިސޯޓްތަކުން މުސާރަ ކުޑަކޮށް، ބައެއް ރިސޯޓްތަކުން މުސާރަ ނުދެވޭ ހާލަތުގައި އޮތްއިރު، ބައެއް ރިސޯޓްތަކުގެ ލޭންޑް ރެންޓްވެސް ނުދެއްކި އެބަހުރިކަމަށެވެ.
“މިހާލަތުގައި ކުރާނީ ހާލަތުން ރުޖޫއަވުމަށްޓަކައި ކުރަންޖެހޭ ކަންކަން. މިއީ އެއްވެސް ބަޔަކު ކަނޑާ ވައްޓާލަންޖެހޭ ވަގުތެއް ނޫން. އެންމެން އެއްބައިވަންތަކަމާއެކު ނަގާ ކޮޅަށް ޖަހަން ޖެހޭ ވަގުތު އެހެންކަމުން ކޮޅަށް ނެގުމަށްޓަކައި މަސައްކަތްކުރަމުން މިދަނީ”، އަލީ ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ ވިޔަފާރިއެއް ނުހިނގާއިރު، އެ ވިޔަފާރިއެއްގެ ތެރައަށް މީހަކަށް ނުވަދޭވޭއިރު އަދި ބޯޑަރު ކްލޯޒްކޮށްގެން ފަތުރުވެރިއަކަށް ނާދެވޭ އިރު ނޯމަލްގައި އޮންނަ ހާލަތެއް ނާންނާނެކަމަށެވެ. އެހެންނަމަވެސް މި ވަގުތު ފޯކަސްހުރީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ މިހާލަތުން އަރައިގަތުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށް ކަމަށާއި މިހާލަތުން އަރައިގަނެވިގެން ވަޒީފާ އާއި ވިޔަފާޜިވެސް ކުރިއަށްދާނެ ކަމަށާއި އަދި އާންމު ދިރިއުޅުމެއްވެސް ހޯދޭނީ މިހާލަތުން އަރައިގަނެވިގެން ކަމަށެވެ.
“މިއީ އެއްވެސް ހާލަތެއްގައި މުސާރަ ނުދެވި ހުރި ތަންތަނުގެ ދިފާއުގައި ދައްކާ ވާހަކައެއް ނޫން. އަދި އެކަން ގަބޫލުނުކުރާތީ ދައްކާވާހަކައެއް ނޫން”، އަލީ ވަހީދު ވިދާޅުވިއެވެ.
އިތުރަށް އަލީ ވަހީދު ވިދާޅުވީ މިހާރު އޮތީ ނޯމަލް ހާލަތެއް ނޫންކަމަށާއި ކެތްތެރިކަމާއެކު މި ހާލަތުން އަރައިގަންނަން މަސައްކަތްކުރަންޖެހޭ ކަމަށެވެ.