English Edition
Dhivehi Edition
ގެސްޓްހައުސް ސިމްޕޯސިއަމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވާހަކަދައްކަވަނީ - ފޮޓޯ: އަލީ ނިޝާތު (މިހާރު)

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިނގިރޭސިވިލާތުގައި ބޭސްފަރުވާ ކުރަމުން ދަނިކޮށް، 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެ ޤައުމުގެ ފުލުހުން ކުއްލި ގޮތަކަށް ހައްޔަރުކުރީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް ބަދަލުދިނުމަށް އެ ޤައުމުން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ޢަލީ ވަޙީދުގެ ޤާނޫނީ ވަކީލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެ ޤައުމުން ޢަލީ ވަޙީދު ހައްޔަރުކޮށް، ވަގުތީ ބަންދެއްގައި ބެހެއްޓުމަށްފަހު ދޫކޮށްލި ކަމަށެވެ. އަދި ރާއްޖޭއާއި އިނގިރޭސިވިލާތުގެވެސް ޤާނޫނަކާ ނުވަތަ ގަވާއިދާވެސް ޚިލާފަށް އޭނާ ޢަމަލުކޮށްފައި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޢަލީ ވަޙީދު ހައްޔަރު ކުރެވުނު ހިސާބުން ފެށިގެންވެސް އޭނާގެ ފަރާތުން އެ ލޯފާމުން ދީފައިވާ ކަމަށާއި، އެކަމުގެ ސާބިތު ހެކިތައް ލިބުމާއެކު އޭނާ ބަންދުން މިނިވަންކުރުމަށް އިނގިރޭސިވިލާތުގެ ވަކީލުންގެ ޓީމަކާ ގުޅިގެން ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، ޤާނޫނާ ޚިލާފަށް ޢަލީ ވަޙީދު ހައްޔަރުކުރި މައްސަލާގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ މައްޗަށް ދައުވާކުރުމުގެ ކުރިން ގުޅިފައިވާ ވަކީލުންގެ ޓީމުން އެ ޤައުމުގެ ސަރުކާރާއެކު ކުރި މަޝްވަރާތަކާއެކު، ޢަލީ ވަޙީދު ހައްޔަރުކުރީ ޤާނޫނާ ޚިލާފަށް ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން އެއްބަސްވެފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި، އެކަމަށްޓަކައި އެ ޤައުމުގެ ސަރުކާރުން ޢަލީ ވަޙީދުގެ ކިބައިން މަޢާފަށް އެދުމުގެ އިތުރުން، ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމުގެ ސަބަބުން ލިބިގެންދިޔަ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 20،000 ސްޓަރލިންގ ޕައުންޑް ޢަލީ ވަހީދަށް ދިނުމަށް އެޤައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.